ކްލައިމެޓު ޗޭންޖާއި ގުޅޭ ގޮތުން މާލޭގައި މިއަދު ކުރިއަށްދިޔަ ސުލްހަވެރި އެއްވުން ފުލުހުންނަކަށް ކަމަކު ނުދިޔައެވެ.
ފުލުހުންނަށް ކަމު ނުދިޔައީ އެއްވުން ކުރިޔަށް ގެންދިޔައިރު އެއްވުމުގައި ބައިވެރިވި ބައިވެރިން ގެންގުޅުނު ޕްލާސްޓިކު ފުޅިތައް އެތަނުގައި ބަހައްޓާފައި ދިއުމުންނެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން ވަނީ ޓްވީޓެއް ކޮށްފައެވެ.
ފުލުހުން ބުނީ ސުލްހަވެރި އިހުތިޖާޖުތަކަކީ ފުލުހުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކާއި ގުޅިގެން ބާއްވާ އެއްވުންތަކާއި ތިމާވެއްޓާއި ގުޅޭ އެއްވުންތަކަށް ފުލުހުންގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތައް މަނާކުރާ ކަންކަމަށް ފުލުހުން އެއްބާރުލުން ނުދޭނެ ކަމަށް ބުންޏެވެ. އަަދި އެފަދަ ކަންކަމަކީ ފުލުހުން "ތަހައްމަލު" ކުރާނެ ކަންކަން ނޫން ކަމަށްވެސް ފުލުހުންގެ ޓްވީޓުގައި ބުނެފައިވެއެވެ. ފުލުހުން ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ އެއްވުންތައް ކުރިއަށް ގެންދާ ނަމަ ފުލުހުން އެކަން ކަމާއި ނުބެހޭނެ ކަމަށެވެ.
ކްލައިމެޓު ޗޭންޖާއި ގުޅޭ ގޮތުން މާލޭގައި މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް އަންނަނީ އެއްވުމެއް ބާއްވަމުންނެވެ. މި އެއްވުން ބައެއް ދުވަސް ދުވަހު ރައީސް އޮފީސް ކުރިމަތީގައި ބާއްވާއިރު މިއަދު އެއްވުން ބޭއްވި ފެން ކުންފުނީގެ ކަސްޓަމާ ސެންޓާ އޮފީސް ދޮރުމަތީގައެވެ.
މުޒާހަރާއާއި ގުޅިގެން ބައިވެރިން ބުނެފައިވަނީ އެމީހުންގެ ގެންދިޔަ ހުސްފުޅިތަކުގެ ތެރެއިން ތާޒާ ފުޅިތައް އެމްޑަބްލިއުއެސްސީއިން ބަލައިގެންފައިވާކަމަށެވެ.