Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ރައީސްގެ ޔޫއެން ތަގުރީރު، އިދިކޮޅަށް ހަޖަމެއްނުވި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ. ގައި ތަގުރީރު ކުރުން ވެގެން ދިޔައީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކަށެވެ. އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. ގައި ތަގުރީރު ކުރައްވަން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިގެން ދިއުމާއި، އެމަނިކުފާނު ވަޑައިގަންނަވާނެކަން އިއުލާން ކުރައްވަން ވަޑައިގަންނަވާ ގޮތަށް އޮތުމުން ދިވެހި އެތައް ބަޔަކު ދިޔައީ އެމަނިކުފާނަށް ތައުރީފު ކުރައްވަމުންނެވެ. ނަމަވެސް އެއާ ހިލާފަށް ސަރުކާރާއި އިދިކޮޅު ޕާޓީ، ޕީޕީއެމްއަކަށް އެކަން ހަޖަމެއް ނުވިއެވެ.

ޕީޕީއެމްއާ ޕީއެންސީގެ އިސްވެރިންނާއި ސަޕޯޓަރުން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓުފޯމުތަކުގައި ދައްކަމުން ގެންދިޔައީ މުޅިން އެހެން ވާހަކައެކެވެ. ހާއްސަ ގޮތެއްގައި މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތައް ބަޔަކަށް އެތައް ގެއްލުމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައީސް ސޯލިހު އދ. ގައި ތަގުރީރު ކުރައްވަން ވަޑައިގަތުމުން އެބޭފުޅުންނަށް މިކަން ހަޖަމެއް ނުވިއެވެ. މިހާރުގެ ކުދިން ބުނާނަމަ "ޓޮލަރޭޓެއް" ނުވިއެވެ. ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

"މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެތި އަލިފާނުގެ ހާދިސާ މާލޭގައި ހިނގައި، ދިވެހި ރައްޔިތުންގެ ތެރެއިން 80އަށްވުރެ ގިނަ އާއިލާހާލުގައި ޖެހިފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މުހިއްމުވީ ޔޫއެންގައި ތަގުރީރު ކުރެއްވުން" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއީ ރައީސް ސޯލިހު އދ. ގައި ތަގުރީރު ނުކުރައްވަނީސް މި ބޭފުޅުންގެ ބަހުރުވަ ހުންނެވި ގޮތެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. ގައި ތަގުރީރު ކުރެއްވި ދުވަހު އެމަނިކުފާނުގެ ވާހަކަފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް އަލި އަޅުވާލެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ރާއްޖޭގެ ވާހަކަޔަށް ވަޑައިގެންނެވުމުގެ ގޮތުން އެމަނިކުފާނު ފުރަތަމަވެސް ވިދާޅުވީ ރާއްޖޭގެ ވާހަކަޔަކީ "ޚުދުމުޚުތާރު ކަމަށް އެނބުރެމުން ދިޔަ ދިއުމެއް އަނެއް އަތަށް އަނބުރައިލި ގައުމެއްގެ ވާހަކަ" ކަމަށެވެ.

ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ވުމަކީ "ޑިމޮކްރަސީގެ ހުޅުކޮޅު އެއްފަހަރުން ރޯކޮށްލުން" ކަމަށް ސިފަކުރެއްވި އެވެ. ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު އޮތް ގޮތް އެއަށް ފަހު ސިފަކޮށްދެއްވި އެވެ.

"ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފައި، ޕާލަމެންޓް އޮތީ ހުއްޓުމަކަށް ގެނެސްފައި، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި،" ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތު ހުލާސާކުރައްވައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ތިއްބެވީ ޖަލުގައި ނުވަތަ ނޫނީ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖޭގެ ކަންތައް އޭރު ހުރި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޭރު އޮތް ޚުދުމުހުތާރުކަމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތައް ވާހަކަ ދެއްކި ކަމަށާއި ފާޑުކިއުންތަކާ މެދު އޭރުގެ ސަރުކާރުން ކަންތައް ކުރީ ހުދުމުހުތާރު އެެހެން ގައުމުތަކުން ވެސް ކަންތައްކުރާ ގޮތަށް ކަމަށެވެ.

"ސަރުކާރުން ދުނިޔެ އަށް ފުރަގަސްދިން. ކޮމަންވެލްތު އޮފް ނޭޝަންސް އިން އަޅުގަނޑުމެން ވަކިވިން. ދިވެހިރާއްޖެ އަށް ޑިމޮކްރަސީ ގެންނަން އެ ޖަމާއަތުން ގޮވައިލި ގޮވައިލުމަކީ ސިޔާދަތަށް އަރައިގަތުން ކަަމަށް ބުނަމުން. އެކަހެރިވުމަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާތަށްވި،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަފުޅުތައް އިދިކޮޅުން ސިފަ ކުރީ ނަފްރަތާއި ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫހެއްގެ ގޮތުގައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މިކަމާއި ނުރުހުން ފާޅު ކުރައްވާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވުމަކީ ނަފްރަތާއި ބަދަލު ހިއްޕެވުމުގެ ރޫހު މި ސަރުކާރުގައި އޮތް މިންވަރު ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޔާމީން ވެރިކަން ކުރެއްވި އިރު ޝަރުއީ ނިޒާމް ހައިޖެކްކުރީ މި ސަރުކާރު ހިންގާ ކޯލިޝަނުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ވާހަކަތައް ހިއްސާ ކުރައްވާފައެވެ. ޕީޕީއެމްއާ ޕީއެންސީން އޭރުވެސް މިހާރުވެސް ތުހުމަތު ކުރައްވަނީ އެއީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ، އެތައް ރިޝްވަތުތަކެއް ދެއްވައިގެން ނެރުއްވި އަމުރެއްގެ ގޮތުގައެވެ.

ކޮންމެއަކަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. ފަދަ ބޮޑު ޖަމިއްޔާގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެވިގެން ދިއުމަކީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް އުފާވާ ހިތްހަމަޖެހުން ލިބުނު ކަމެކެވެ. މި ކުޑަކުޑަ ގައުމު ދުނިޔޭގެ އެހެން ގައުމުތަކާއި އަރާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މިފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފާ، ދޫކޮށްލުމަކީ ގައުމަށް ލިބިގެންދާނެ ނިކަމެތި ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމާލެއްވީ އދ. ގެ އާއްމު މަޖިލިސް ހަމަ ލޮލުން ދެކިވެސް ނުލައްވައެވެ. އެމަނިކުފާނު އަބަދުވެސް ވިދާޅުވެއެެވެ. މުހިއްމީ ގައުމިއްޔަތެވެ. އދ. ގެ އާއްމު މަޖިލީހަށް ތަގުރީރު ކުރަން ވަޑައިގަތުމަކީ ގައުމުގެ ގައުމިއްޔަތާއި ދީނަށް އުނިކަން ލިބިގެންދާނެ ކަމެއް ނޫނެވެ. އެއާ ހިލާފަށް ދުނިޔޭގެ އެހެން ގައުމުތަކަށް އަހަރެމެންގެ ގައުމިއްޔަތާއި ދީނުގެ ސާބިތުކަން ދެއްކުމަށް ލިބިގެންދާނެ ފުރުސަތަކީ އެއީއެވެ. ނަމަވެސް ވެރިކަމުގެ ކޮންމެ އަހަރަކުވެސް ރައީސް ޔާމީން އެކަން ބޮލާލާ ޖަހަނީއެވެ. މުޅިންވެސް އެތަނަށް ފޮނުއްވަނީ ފޮރިން މިނިސްޓަރު ނޫނިއްޔާ ކޮންމެވެސް އެހެން ވަޒީރެކެވެ.

މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ. އަށް ވަޑައިގެން ތަގުރީރު ކުރެއްވިއިރު މިއީ ކުރިންވެސް މި ދެންނެވިހެން ވޭތުވެދިޔަ ތަނުގައި ރައީސް ޔާމީން ކުރެއްވި ކަމެއް ނޫނެވެ. އެހެނެކޭ ކިޔާފައި އޭގެ މާނައަކީ ރައީސް ސޯލިހު ތަގުރީރު ނުކުރުމެއް ނޫނެވެ. ފަލަސްތީނު މައްސަލާގައި ފޮރިން މިނިސްޓަރު ދައްކާ ވާހަކައަށްވުރެ ރައީސް ސޯލިހު ދައްކަވާ ވާހަކަ މާ ބާރުގަދަ ވާނެއެވެ. އެހެންކަމުން އިދިކޮޅު ބޭފުޅުންނަށް މިފަދަ ކަންކަން ހަޖަމު ކުރަން ދަސްކުރަން ވެއްޖެއެވެ. މިއީ ރައީސް ޔާމީންގެ ވެރިކަން ނޫން ކަމާއި ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތަށް މި ސަރުކާރުން ހުރިހާ ކަމެއް ނުކޮށްފާނެކަން ގަބޫލުކުރަންޖެހެއެވެ.