Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ކޯޓާ ހޯދަން ވަގު ލިޔުން ހުށަހެޅި ކުންފުނިތައް އާންމުކުރަން ކުރި އިއުލާން ނަގައިފި

ބިދޭސީންތަކެއް ބަންގަލަދޭޝް ހައިކޮމިޝަން ކައިރީގައި ކިއު ހަދާފައި -- ފޮޓޯ / ސަން

ބިދޭސީ މަސައްކަތްތެރިން އެތެރެކުރަން ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި އޮޅުވާލައިގެން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކުގެ ނަން އާންމުކޮށް އިކޮނޮމިކް މިނިސްޓްރީ އިއްޔެ ކޮށްފައިވާ އިއުލާން ސަރުކާރުގެ ގެޒެޓުން ނަގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ހުށަހަޅާ ސައްޙަ ނޫން ލިޔެކިޔުންތަކާ ބެހޭގޮތުން ތަޙުޤީޤު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި މިނިސްޓްރީއިން ހުށަހަޅަމުން ގެންދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިހާތަނަށް 13 ފަރާތެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ 13 ފަރާތްވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ އާއްމުވެސް ކުރިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިއުލާނު ނެގީ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ. ނަމަވެސް ބަދަލުތައް ގެނައުމަށްފަހު އަލުން އިއުލާން ގެޒެޓު ކުރާނެ ތާރީހެއް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ގެންނަން އުޅޭ ބަދަލެއްވެސް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަށް ސަރުކާރުން ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި ގިނަ އަދަދެއްގެ ބިދޭސީން އެ މިނިސްޓްރީ ދޮށުގައި ކިއު ހަދަމުންދާ ދުވަސްވަރެކެވެ. އެގޮތުން އިއްޔެވެސް މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މަސައްކަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައި ކިއު ހަދާފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު "އައްޑޫލައިވް"އަށް ވިދާޅުވީ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ހުޅުވާލީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެއީ މިއަދަކު އެކަނި ހެދި ކިއުއެއް ނޫން ކަމަށެވެ. އިއްޔެގައިވެސް އެހާ ބޮޑު ކިއުއެއް ބިދޭސީން ހަދާފައިވާ ކަމަށް އޮފިޝަލް މައުލޫމާތުދެއެވެ. އޮފިޝަލް ވިދާޅުވީ އެކަމަށްޓަކައި އެ މިނިސްޓްރީން ދޫކުރަނީ ކޮންމެ ދުވަހަކަށް 150 ނަންބަރު ކަމަށެވެ. އެ ޕްރޮގްރާމް ހަ މަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކަން ކުރަންޖެހޭނީ ވަޒީފާގައި ނޫޅޭ ބިދޭސީން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.