ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެވަނަ ފުރުސަތު ހޯދުމަށް ރޭގަނޑުން ފެށިގެން ކިއު ނުހެދިޔަސް އޮންނަ އުސޫލުން ކޮންމެ ދުވަހަކުވެސް ހިދުމަތް ދެމުން ގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ މާލެއަށް ވެހުނު ބޯ ވާރޭގައިވެސް ބައެއް ބިދޭސީން ކިއު ހަދާފައިވާ މަންޒަރެވެ. އެއާއެކު ބައެއް ފަރާތްތަކުން މިނިސްޓަރު ފައްޔާޒު ޓެގުކޮށް އެނޫން ގޮތެއް އެކަމުގައި ނެތްތޯ ވަނީ ސުވާލު ކުރައްވާފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ހުޅުވާލާފައިވާ ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ސަރުކާރުން ފަސޭހަގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ހަމަސް ދުވަސް އެބައޮތް ކަމަށާއި އެހެންކަމުން ރޭގަނޑު ދަންވަރު ކިއު ނުހެދުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ މިވަގުތު އިކޮނޮމިކް މިނިސްޓްރީގެ ހުރީ 100 އާއި 150 މީހުންނަށް ހިދުމަތް ދިނުމުގެ ކެޕޭސިޓީ ކަމަށެވެ.
އިއްޔެވެސް ފެނިގެން ދިޔައީ ގިނަ އަދަދެއްގެ ބިދޭސީން ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގްގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓް ދޮރުމަތީގައި ކިއު ހަދާފައިވާ މަންޒަރެވެ. އެ ކިއު ދިގުވެގެން މަގުމައްޗާ ހަމައަށްވެސް އޮތެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު "އައްޑޫލައިވް"އަށް ވިދާޅުވީ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ހުޅުވާލީ މިދިޔަ ހަފްތާގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެކަމަށްޓަކައި އެ މިނިސްޓްރީން ދޫކުރަނީ ކޮންމެ ދުވަހަކަށް 150 ނަންބަރު ކަމަށެވެ. އެ ޕްރޮގްރާމް ހަ މަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކަން ކުރަންޖެހޭނީ ވަޒީފާގައި ނޫޅޭ ބިދޭސީން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އިކޮނަމިކް މިނިސްޓްރީން މީގެކުރިން ބުނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. ބިދޭސީން ގާނުނުގެ އިމަށް ވެއްދުމުގެ މަސައްކަތް ކުރަމުން ދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރަޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސްއިރެއްގައި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެ އެވެ.