Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ރަށު ފަތުރުވެރިކަން ފުޅާ ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަޒީރާ ރާއްޖެ- މަގޭ ރާއްޖޭގެ އިފްތިތާހުކުރި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / ރައީސް އޮފީސް

ރަށު ފަތުރުވެރިކަން ފުޅާ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލާ، އެކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއި އެކު ކުރިއަރަމުން އަންނަ ތަފާތު އެކި ފަތުރުވެރިކަން އެބަހުރި ކަމަށެވެ. އެގޮތުން އެ ކަންކަން ރާއްޖެއަށް ގެނެވޭނެ ގޮތްތަކާއި މެދު މިއަދު ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަމާޒަކަށް ވާންވީ ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަގުބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތައާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހެ. ވިޔަފާރި ފަތުރުވެރިކަމާއި، ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެއް. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރު،" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ވަރުގަދައަށް ވިޔަފާރި ކުރަމުން ގެންދާ ދެ ވިޔަފާރިވެރިން —

ރައީސްގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަމުގައި ވިދާޅުވިއެވެ. އަދި ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަން ކަމުގައި ރައީސްގެ ހިތާބުގައި ސިފަކުރައްވާފައިވެއެވެ،

"މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގައި. ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ސިނާއަތް ފަށްޓަވައި ކޮޅަށް ޖައްސަވައިދެއްވީ، މިޖީލުގެ މީހުންނަށް ތަސައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވައިފައި. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯރޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުރި. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަގުބޫލު މަރުކާއެކެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މިޖަޒީރާތަކުގެ ތަބީއީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަންކަމަށާއި، ތިމާވެށި ހިމާޔަތްކޮށް، ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށެވެ.