ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ޑޮކްޓަރު އިބްރާހީމް ބިން އަބްދުލްއަޒީޒް އާލް-އައްސާފާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އ.ދ ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުގެ މިބައްދަލުކޮށްލެއްވުމުގައި ވަނީ ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެގައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދެބޭފުޅުން ވަނީ ރާއްޖޭގެ އުމްރާނީ، އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރިޔާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ރިޔާދާއި ޖިއްދާއާއި މާލެއާއި ދެމެދު ޤާއިމްކޮށްފައިވާ ސީދާ ވައިގެ ގުޅުންތަކަށް އަލިއަޅުއްވާލައްވައި، އެއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، އަދި ހާއްސަކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސަޢޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ވަނީ ދެގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ފާހަގަކުރައްވައި ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން މިގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާއާއި، ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.