ސިވިލް ސާވަންޓުން ތިބެން ޖެހޭނީ ސިޔާސީ ފިކުރުން އެއްކިބާވެގެން ކަމަށް މަރަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިގޮތަށް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށްބުނެ އެ މިނިސްޓްރީގެ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ޓްރާންސްޕޯޓުން ދެއްކި ވާހަކައާ ގުޅިގެންނެވެ. ޓްރާންސްޕޯޓުން ބުނީ ވަޒީފާގެ ބިރު އެއްވެސް މުވައްޒަފަކަށް ނުދައްކާ ކަމަށެވެ. ނަމަވެސް ހާޒިރީއަށް ފަރުވާކުޑަ ކުރާކަމަށް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލް ސާވިސް ވަޒީފާއި ތިބޭ މުވައްޒަފުންނަކީ ސިޔާސީ ފިކުރުތަކުން އެއްކިބާވެ، ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ކުއްލިއަކަށް ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށް ބުނެ އެތަނުގެ 46 މުވައްޒަފެއްގެ ސޮއިއާއެކު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
އެކަން މީޑިއާއަށް ތިލަވުމާއެކު އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން "އަމަލު" ކުރާނެ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައިވަނީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ދައްކާ ސަބަބަކީވެސް ހާޒިރީ ކަމަށެވެ. އެހެން ނަމަވެސް ހާޒިރީއަށް ފަރުވާކުޑަވުމުގެ ސަބަބުން މީގެ ކުރިން ދުވަހަކުވެސް މުވައްޒަފުންނަށް އަނގަބަހުން ނަސޭހަތެއް ނުވަތަ ލިޔުމުން ނަސޭހަތެއް ދީ އިންޒާރެއް ދީފައި ނުވާކަން ސިޓީގައި ވަނީ ބުނެފައެވެ.