Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ދިވެހިން ވަޒީފާތަކަށް ނެރުމުގައި ތަމްރީނުގެ މައްސަލަ ދިމާވޭ، އެކަން ހައްލުކުރާނަން: ފައްޔާޒު

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް ދާއިރާގައި މަތީ، އަދި މެދުފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމުގައި ތަމްރީނު ނެތުމުގެ މައްސަލަ ދިމާވާ ކަމަށާއި ނަަވެސް އެކަންކަން ހައްލު ކުރުމަށްފަހު ދިވެހިންނަށް ވަޒީފާތައް ތައްޔާރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ޖޮބްފެއާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު މިރޭ ވިދާޅުވީ
ދިވެހިންގެ ހިއުމަން ރިސޯސް ކަންތައް ހަރުދަނާކޮށް ވަޒީފާތައް އިތުރުކުރުމަށް މިނިސްޓްރީތަކާ އެކު ގިނަ މަސައްކަތްތަކެއް އިކޮނޮމިކް މިނިސްޓްރީން ކުރަމުން. އަންނަ ކަމަށެވެ. އަދި އިންޑަސްޓްރީތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކޮށް ރަނގަޅު އާމްދަނީއެއް ހޯދޭނެ ގޮތް ހެދުމަށް ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިޔާސަތުތައް ރޭވިފައިހުރި ގޮތުން ވެސް މައްސަލަތައް އެބަހުރި. އަޅުގަނޑުމެން މިދަނީ ސިޔާސަތުތައް މުރާޖައާކޮށް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި، އެކަމަށް ސަރުކާރެއްގެ ފަރާތުން ހައްލު ކޮށްދެވޭނީ ކޮންކަމެއް ތޯ ބަލަމުން،" ފައްޔާޒު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުގެ ހަނިކަމުގެ ވާހަކަތައް އަޑު އިވޭ ކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހާއްސަ ގޮތެއްގައި މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވާނީ މެދު އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ނެރުމަށް އަދި ބޭރުގެ ފަރާތްތަކުގެ ރޭޝިއޯ ކުޑަ ކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް. އެކަން އަޅުގަނޑުމެން ކުރަމުން ދާނަން" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި ވަޒީފާތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕޯޓަލް އެއް އެކުލަވަލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.