Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކާއެކު ޖޮބް ފެއާ ފަށައިފި

ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ޖޮބް ފެއާ ފަށައިފިއެވެ.

މި ޖޮބް ފެއާގައި 500އަށްވުރެ ގިނަ ވަޒީފާ ހުޅުވާލެވިފައި ހުންނާނެއެވެ. މި ޖޮބް ފެއާގައި 68 ރިސޯޓެއް ބައިވެރިވާނެއެވެ. މި ފެއާ ކުރިއަށް ދާނީ ފަރުކޮޅު ފުށީގައެވެ. މި ޖޮބް ފެއާއަށް ދާން ބޭނުންވާ ޒުވާނުންނަށް މާލޭގެ 2 ނަންބަރު ޖެޓީން ކޮންމެ 30 މިނެޓަކުން ޓްރާންސްފާ ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމުން ބުނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ފެއާއަކީ ހަމައެކަނި ސްޓޯލްތަކަށް ޒިޔާރަތްކޮށް ނިންމާލާނެ ފެއާއަކަށް ނުހައްދަވާނެ ކަމަށެވެ. އެގޮތުން އެމީހެއްގެ ހުރި ހުނަރާއި ގާބިލިއްޔަތަށް ބެލުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ފެއާ ކޮންމެ އަހަރަކުވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ޓޫރިޒަމް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދާނީ މުޅި ރާއްޖެއަށް ބަހާލައިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.