ސ. ގަން އެއާޕޯޓްގެ މުވައްޒަފުންގެ މުސާރަ އިން 2010 ވަނަ އަހަރު އުނި ކުރި ފައިސާގެ ތެރެއިން ނުދީ ބާކީ އޮތް އަށް މަސް ދުވަހުގެ ފައިސާ ނުލިބި ލަސްވާ ސީދާ ސަބަބެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ޖީއޭސީއެލް) ގެ މެނެޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދުދީދީ ވިދާޅުވެއްޖެ އެވެ.
ދެހާސް ދިހަ ވަނަ އަހަރު އުނި ކުރި ފައިސާގެ ތެރެއިން ހަތަރު މަހުގެ ފައިސާ މީގެ ކުރިން ވަނީ ދީފަ އެވެ.
ގަން އެއާޕޯޓް ހިންގުމަށް ޖީއޭސީއެލް އާ އެކު ކޮންސޯޓިއަމް ހަދައިގެން އުފައްދާފައިވާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ނެރެފައިވާ ނޯޓިހެއްގައި ބުނަނީ 2010 ވަނަ އަހަރު މުވައްޒަފުންގެ މުސާރަ އިން އުނި ކުރި ފައިސާގެ ތެރެއިން މިހާރު ނުދެވި ހުރި މަސްތަކުގެ ފައިސާގެ މައްސަލަ ކުންފުނީގެ ބޯޑަަށް ހުށަހަޅާފައި ކަމަށެވެ. އަދި އެކަމާ ބޯޑުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އޭއައިއޭ އިން ބުނީ ނުދެވި ހުރީ މެއި 2010 އިން އެ އަހަރުގެ ޑިސެމްބަރު މަހުގެ މުސާރަ އިން އުނި ކުރި ފައިސާ ކަމަށެވެ.
"އެ ފައިސާ ނުލިބި ލަސްވާ ސީދާ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑަކީ ވެސް އެ ފައިސާ ލިބެން ޖެހޭ މީހެއް. މިހާރު ފައިނޭންސް ޑިޕާޓްމަންޓް ވެސް މުޅިން ވަކިން އޮންނާތީ އަޅުގަނޑުގެ އިންވޯލްމަންޓެއް ނޯވޭ ފައިނޭންސް ކަންތައްތަކުގައެއް،" މުހައްމަދުދީދީ ވިދާޅުވި އެވެ. "އެހެންވީމާ ތިކަން އެން ރަނގަޅަށް ސާފުކޮށް ދެވޭނީ އޭއިއޭގެ އެމްޑީ ޝާހިދަށް. ދާދި ފަހުން ވެސް ޝާހިދު އެކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ މަޝްވަރާ ކުރި. އެ ފައިސާ ލިބޭނެ ކަމަށް އަންގާފައި އޮތީ. އެކަމަަށް ކުންފުނިން ވެސް މަސައްކަތް ކުރަމުން އަންނަކަން އެނގިފައި އޮތީ. އެކަަމަކު އެކަން ގޮސްފައި އޮތް ހިސާބެއް އަޅުގަނޑަކަށް ނޭނގޭ."
އެނގިފައިވާ ގޮތުގައި ޝާހިދު އަލީ މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. އަދި އޭނާ މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.
މުސާރަ އިން އުނި ކުރި ފައިސާ ނުލިބި ލަސްވާތީ މުވައްޒަފުން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.