Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޑީޕޯޓު ނުކޮށް ހައްޔަރު ކުރިނަމަ މާ ރަނގަޅުވީސް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. --ފޮޓޯ:ރައީސް އޮފީސް

އިމިގްރޭޝަން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެނިކޮށް އިމިގްރޭޝަނުން ޑީޕޯޓުކޮށްލި ބަންގްލަދޭޝަންގެ ދެ މީހުން ޑީޕޯޓުކުރުމުގެ ބަދަލުގައި އެ މީހުންގެ ހައްޔަރުކޮށް އެމީހުންގެ މައްސަލަ ތަހުގީގު ކުރިނަމަ މާ ރަނގަޅުވީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޑިޕޯޓުކުރި ދެ ބިދޭސީންނަކީ ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް އަމަލުކުރަމުން ދިޔަ ދެ ބިދޭސީން ނަމަ، އެ ބިދޭސީން ޑިޕޯޓު ކުރުމުގެ ބަދަލުގައި ހައްޔަރުކޮށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރު ކުރުމަށްފަހު އެމީހުން ގާނޫނާއި ހިލާފަށް ކުރަމުންދާ ވިޔަފާރިތަކުގެ އަޑީގައި ތިބީ ކޮން ބައެއްތޯ ބެލުން ޑީޕޯޓު ކޮށްލުމަށްވުރެ މާ ރަނގަޅުވީސް ކަމަށް މިނިސްޓަރު ފައްޔާޒ ވިދާޅުވިއެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓު ކޮށްލުމަކީ މައްސަލައެއް ނޫން ކަަމަށާއި ނަމަވެސް "ބޮޑުން"ގެ ގޮތުގައި ފާހަގަކުރެވޭ ފަރާތްތައް ޑީޕޯޓުކޮށް ނުލާ އެމީހުން ހައްޔަރުކޮށް މައްސަލަތައް ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެ، ގަވައިދާ ހިލާފަށް ބިދޭސީން އެތެރެކޮށް، ވިޔަފާރިކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ "މާސްޓަރެއް" މި މަސް ތެރޭ އިމިގްރޭޝަނުން މި މަސް ތެރޭގައި ޑީޕޯޓުކުރިއެވެ. ނަމަވެސް އާއްމު ރައްޔިތުން ވަނީ އެފަދަ ބޮޑު "މާސްޓަރުން" ހައްޔަރު ނުކޮށް ދޫކޮށްލުމުން ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެކަމުގައި ސަރުކާރަަށާއި އިމިގްރޭޝަނަށް މިހާރުވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.