Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޓެރަރިޒަމްގެ ގާނޫނު ފާސްކުރަން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންތަކެއް -- ފޮޓޯ / މަޖިލިސް

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތު ކޮމެޓީން ވަނީ ދިރާސާކޮށް ނިންމާލާފައެވެ. އެގޮތުން އެ ކޮމެޓީން ވަނީ ބިލު ފާސް ކުރުމަށްޓަކައި މަޖިލީހުގެ ތަޅުމަށް ބިލު ފޮނުވަން ވެސް ފޮނުވާފައެވެ. ކޮމެޓީ މަރުހަލާގައި ބިލަކަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވި ނަމަވެސް ބައެއް ކަހަލަ ކުދި ކުދި ބަދަލުތައް ބިލަށް ވަނީ ގެނެސްފައެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅީ މަޖިލިސް ޗުއްޓީގައި ވަނިކޮށެވެ. ސަރުކާރުން މި ބިލު އަވަހަށް ފާސްކުރަން ބޭނުންވާތީ މަޖިލީހުން ވަނީ މިކަމާއި ގުޅިގެން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވާފައެވެ. އެހެންކަމުން މާދަމާ މި ބާއްވަނީ ދައުރުން ބޭރުގައި ބާއްވާ ތިންވަނަ ޖަލްސާއެވެ. މި ޖަލްސާގެ އެޖެންޑާ އާއްމު ކޮށްފައިވާއިރު އޭގައިވާ ގޮތުގައި މާދަމާގެ ޖަލްސާގައި އޮތީ އެންމެ މަސައްކަތެކެވެ. އެއީ ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކޮށް ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމެވެ. އަދި އެއަށްފަހު ވޯޓަށް މާދަމާ އަހާނެއެވެ.

ބިލުގައި ޓެރަރިޒަމް މާނަ ކޮށްފައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައެވެ. އެގޮތުން ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާއްމުންނަށް ނުވަތަ އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ އަމަލެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ދެންނެވި ފަދައިން ޓެރަރިޒަމް މާނަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން ފަދަ ކުށެއް ކުރި ކަމަށްވާނަމަ އެވެ.

މި ކުށްތަކުގެ އިތުރުން ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން އެއްވެސް އަމަލެއް ކުރިނަމަވެސް އެއީ ޓެރަރިޒަމްގެ ކުށުގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެ ދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް ކުށެކެވެ.

ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ކުށް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

މި ބިލުގައި ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. ސަރުކާރުން ހުށަހެޅި މުހިންމު އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ޓެރެރިޒަމްގެ ތުހުމަތުވާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ވަންދެން ބަންދުކުރުން ހިމެނެއެވެ.