Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ނިއުޕޯޓުގެ ދިފާއުގައި އަދުރޭ ނިކުމެއްޖެ!

ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް އެއް މިލިއަން ރުފިޔާ ދައްކަން ސިވިލްކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމް ކުރުމުން، އެ ކުންފުނީގެ ދިފާއުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިކުމެއްޖެއެވެ.

ނިއުޕޯޓުގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒަކީ މީގެކުރިން ޕީޕީއެމްގެ ޓިކެޓުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން ނިންމި ފަރާތެކެވެ. ނަމަވެސް އެ ފަހަރު އޭނާ ވާދަ ނުކުރާން ނިންމީ ޕީޕީއެމްއިން ވަކިވީވެސް އަބްދުއްރަހީމަށް ފާޑު ކިއުމަށްފަހުއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިހާރުވެސް ޒާހިދު އަންނަނީ ކުރީގެ ރައީސް ޔާމީން ދިފާއު ކުރައްވާ ވާހަކަދައްކަމުންނެވެ.

ނިއުޕޯޓު މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ އެ ބިން ކުއްޔަށް ދިނުމަށް ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީ އާއެކު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުން މިއަހަރުގެ މާޗު ހަތްވަނަ ދުވަހު ސަރުކާރުން އުވާލާފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުމުގެ 10.2 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެއްބަސްވުން އުވާލި ތާރީހުން ފެށިގެން އެ ބިން ބޭނުންކުރުމުގެ ހައްގު ސްޓްރާޑާ އަށް ލިބިގެން ނުވާނެ ކަމަށާއި ނަމަވެސް އެއްބަސްވުން ބާތިލް ކުރުމުންވެސް އެ ބިން ސްޓްރާޑާ އިން ބޭނުންކުރަމުން ގޮސްފައިވާކަން ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މާލޭ ލޮނުޒިޔާރަތްކޮޅުގައި ހުރި އެ ބިން ހުސްކޮށް ޕްލޭނިން އާއި ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގެ ބަދަލެއްގެ ގޮތުގައި، އެއްބަސްވުމުގެ ދަށުން ސްޓްރާޑާ އިން ޕްލޭނިން އަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ސްޓްރާޑާ އިން ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެން ކަމުން މިއަހަރުގެ ފެބްރުއަރީ 27ގެ ނިޔަލަށް ސްޓްރާޑާ އިން ޕްލޭނިން އަށް ދައްކަންޖެހޭ ފައިސާ އާއި ގެއްލުމުގެ ބަދަލުގައި ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 1.15 މިލިއަން ރުފިޔާ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކުންފުނިން މީރާއަށް ދައްކާ ހަލާސްކުރުމަށް ސިވިލްކޯޓުގެ ހުކުމުގައި ވަނީ އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ނިއުޕޯޓު ވިއު އާއި ބްރިޖް ވިއުވިން ޕްލެޓްފޯމް ހަދާފައި ހުރި ބިން ހުސްކޮށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެތަން ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރުމަށް ވެސް އެ ހުކުމުގައި ސްޓްރާޑާއަށް ވަނީ އަންގައިފަ އެވެ.

ނިއުޕޯޓު މައްސަލާގައި ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީބާޖާ ވުމުން އެ ކުންފުންޏަށް ބަދަލު ދޭން މައްސަލައެއް ނެތް ކަމަށެވެ. އަދި ބިގު ކުންފުންޏަށް ބަދަލު ދޭން ސަރުކާރަށް ލާޒިމްވެފައިވާއިރު ނިއުޕޯޓުވުމުން އެތަން ފުނޑާލަށް "އޯކޭ" ކަމަށެވެ. އަދުރޭ ވަނީ މިއީ ސަރުކާރުން ބުނާ ހަމަހަމަ ކަންތޯ ނުވަތަ އިންސާފުތޯ ސުވާލު އުފައްދަވާފައެވެ. އަދި ހައްގު މިންވަރަކީ ކޮބައިތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ. މީގެއިތުރުން އަދުރޭ ވަނީ ފިކުރު ދިމާ ނުވުމުން ހިތަށް އެރި ގޮތަކަށް ކަންކަން ކުރުމަކީ އެޖެންޑާ19 ގެ ތަފާތުކަންތޯ ވެސް ސުވާލު ކުރައްވާފައެވެ.

ނިއުޕޯޓު ހިންގާ ބިން ސަރުކާރާއި ހަވާލުކޮށް ފައިސާތަކެއް ދެއްކުމަށް ކުރި ހުކުމް ނިއުޕޯޓު ހިންގާ ކުންފުނި ސްޓްރާޑާއިން ވަނީ އިސްތިއުނާފު ކުރުމަށް ނިންމާފައެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް ސަރުކާރުން ދޫކުރި ބިމުގައި ސީއެސްއާރުގެ ދަށުން އާންމުންނަށް ތިބެވޭނެ ގޮތަށް ބްރިޖް ބަލާލެވޭނެ ޕްލެޓްފޯމަކާއި ފުޓްސަލް ދަނޑަކާއި، ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރި ކަމަށެވެ.

އަދި އެ މަސައްކަތަށް ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި މި ކުންފުނިން ކުރި އިންވެސްޓްމަންޓް ކަވަރު ކުރުމަށްޓަކައި "ނިއު ޕޯޓް" ވިއުގެ ނަމުގައި ރެސްޓޯރަންޓަކާއި ބައިނަލްއަގްވާމީ ފްރެންޗައިޒް ބްރޭންޑް "ޗާޓައިމް" ހުޅުވި ކަމަށާއި ނަމަވެސް އެތަން ހުޅުވިތާ ހަ މަސް ނުވަނީސް ބޮޑުތަކުރުފާނު މަގު ތަރިންގް ރޯޑު ތަރައްގީ ކުރަން "ޗާޓައިމް" ހިންގި ސަރަހައްދު ދައުލަތަށް ނަގަން ބޭނުުންވާ ކަމަށް އަންގައި އެ ތަން ތަޅާލި ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން "ޗާޓައިމް" ހިންގި އިމާރާތް ތަޅާލައި އެ ބިން ކުންފުނީގެ އަތުން ނެގީ އެ ކުންފުނިން ކުރި އިންޓެސްޓްމަންޓަށް އަދުލުވެރި ބަދަލެއް ދިނުމަކާ ނުލަ އެވެ. އަދި އެ ކަމުގެ ސަބަބުން ކުންފުންޏަށް ލިބިފައ އޮތް ބިމުގެ ސަރަހައްދު ކުޑަވި ކުޑަވުމަށް ރިއާޔަތްކޮށް ބިމުގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ ބުނެފައިވެއެވެ.އަދުރޭ