Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅުމުން ލަންކާއިން މަރުހަބާ ކިޔައިފި

ލަންކާގެ ފޮރިން ސެކްރެޓަރީ --

ރާއްޖޭން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވުމަށް އެ ޖަމާއަތަށް ހުށަހެޅި ލިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި އަންނަ އަހަރު އެންމެ އަވަހަށް ބާއްވާ ކޮމަންވެލްތުގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރި ކުރަންޖެހޭ ކަމަށް ސްރީ ލަންކާއިން ބުނެފިއެވެ.

އދ. ގެ އާންމު މަޖިލިހުގެ ޖަލްސާގެ ހަވާސާގައި އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގައި ލަންކާގެ ފޮރިން ސެކްރެޓަރީ ރަވިނަތަ އަރްޔަސިންހަ ވިދާޅުވީ ގާތް އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަދި ދެކުނު އޭޝިއާގެ ގައުމެއްގެ ހައިސިއްޔަތުން ލަންކާއާ ރާއްޖެއާ ދެމެދު ވަނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ވިދާޅުވީ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމެވުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވީ މިދިޔަ ޖެނުއަރީ މަސް ތެރޭގައި ކޮމަންވެލްތުގެ ވަފްދަކުން ރާއްޖޭގެ ހާލަތު ބެލުމަށް ރާއްޖެ ދިޔަ ކަމަށެވެ. އަދި ރާއްޖެއިން ގިނަ ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އަންނަ އަހަރު ކޮމަންވެލްތުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ ރުވަންޑާގައެވެ. އެއީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ވެތިން ބައިވެރިވެވަޑައިގަންނަވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

ރާއްޖެއިން ރަސްމީކޮށް ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅެއްގައި ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރުކޮށް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމުގައި، ކޮމަންވެލްތްގެ މެންބަރަކަށް ވުން މުހިންމުގައި ވިދާޅުވެފައިވެއެވެ.