ފަތުރުވެރިކަމަށް އައްޑޫ ސިޓީގައި 4000 އެނދު ތަރައްގީ ކުރުމަށް ވަރަށް އަންނަ މަހު ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އައްޑޫގެ ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމެއްގައި ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާ ދެމެދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދު ސޮއި ކުރި އެއްބަސްވުމަކީ އައްޑޫގައި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމި 8000 ޓޫރިސްޓު އެނދުގެ ތެރެއިން މިވަގުތު ތަރައްގީ ކުރުމަށް ނިންމާފައިވާ އަދަދު ކަމަށެވެ. މި 4000 އެނދު ތަރައްގީ ކުރުމަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މިހާރު ކުރިއަށް ދަނީ ކޮންސެޕްޓު އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. ތަރައްގީ ކުރާ ތަންތަނުގެ ލޭންޑް ސްކޭޕާއި ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް އައްޑޫގެ އެކި އަވަށްތަކުން ބިން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ގެސްޓު ހައުސްއަށް 5000 އަކަފޫޓު ދޫކުރުމަށް ނިންމިއިރު ސިޓީ ހޮޓާ ތަރައްގީ ކުރުމަށް 10،000 އަކަފޫޓުގެ ބިން ވަނީ ކަނޑައަޅާފައެވެ.
ރަށު ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ 11 ސަރަހައްދެއް ކަނޑައަޅާފައެވެ.