Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

ސައުދީ ރަސްގެފާނުގެ ބޮޑީގާޑަކު މަރާލައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ ބޮޑީގާޑެއް ކަމަށްވާ މޭޖަރ ޖެނެރަލް އަބްދުލް އަޒީޒް އަލް ފާޣިމްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

ސައުދީ އިދާރާތަކުން މިހާދިސާ ރިޕޯޓުކޮށްފައިވާ ގޮތުގައި އަބްދުލް އަޒީޒް މަރާލާފައިވަނީ އޭނާގެ ރައްޓެއްސެއްގެ ގެޔަށް ޒިޔާރަތްކުރުމުގެ ތެރޭގައި އެހެން ރައްޓެއްސެއް ކަމަށްވާ މަހްމޫދް އަލް އަލީއާ ދެމެދު ހިނގި ޒުވާބެއްގައި ކަމަށެވެ. ޒުވާބުގަނޑު މާރާމާރީއަކަށް ބަދަލުނުވެ އަލީ ވަނީ އެގެއިން ނިކުމެގެން ގޮސްފައި ކަމަށާއި ނަމަވެސް އޭނާ ވަނީ ބަޑިއެއް ހިފައިގެން އަލުން އެގެއަށް ގޮސްފައިކަމަށް ޕްރެސް ރިލީސްގައި ބުނެފަައިވެއެވެ.

އަދި އަބްދުލްއަޒީޒާ ދިމާލަށް ބަޑި ޖެހުމުގެ ތެރޭގައި އޭނާގެ ގަޔަށް ވަޒަން އަރައި އިތުރު ދެމީހަކުވެސް ޒަޚަމްވެފައިވާ ކަމަށް ބުނެފައިވެއެވެ. އޭގެތެރޭގައި ގޭގެ ވެރިޔާގެ ކޮއްކޮއަކާއި ގޭގައި މަސައްކަތް ކުރާ ފިލިޕިންސްގެ ރައްޔިތެއް ހިމެނެއެވެ. މިހަމަލާގައި މަރުވެފައިވަނީ އަބްދުލްއަޒީޒްއެވެ.

އޭނާ ގަޔަށް ބަޑި ޖެހި އަލީ ވަނީ ފުލުހުން އައުމުން ވެސް ހަތިޔާރު ތިރިކުރަން ދެކޮޅު ހަދާފައި ކަމަށާއި އޭގެ ސަބަބުން ފުލުހުން އޭނާ މަރާލާފައިވާ ކަމަށް ސައުދީން ބުނެފައިވެއެވެ.

އަބްދުލްއަޒީޒް އަކީ މިހާރުގެ ރަސްގެފާނު ސަލްމާންގެ އިތުރުން ކުރީގެ ރަސްގެފާނު އަބްދުﷲ ގެ ބޮޑީގާޑެއް ވެސް މެއެވެ. އޭނާ ވަނީ 10 އަހަރު ސައުދީ ޝާހީ އާއިލާގައި މަސައްކަތް ކޮށްފައެވެ.