ޅ. ހިންނަވަރުގައި ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ. ނަމަވެސް އޭނާ ވަޅުލާނެ ގޮތެއް ނެތިގެން އަދިވެސް ވަޅު ނުލާ ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން ފަރުވާ ހޯދަމުން ދަނިކޮށެވެ. އެންމެ ފުރަތަމަ އެމީހާ ފަރުވާ ހޯދީ ޅ. ހިންނަވަރު ސިއްހީ މަރުކަޒުން ކަމަށްވީ ނަމަވެސް ހާލަތު ގޯސްވެ އިތުރު ފަރުވާއަށް އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރިއެވެ.
އެމީހާ މަރުވުމުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީއަށް ވެސް ނައިފަރު ކައުންސިލުން ގުޅުމުން ގަވާއިދާއި ހިލާފަށް އުޅޭ މީހުންނަކީ އެމްބަސީއާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށާއި އެމީހުން އެގޮތަށް އުޅެނީ އެމީހުން އަމިއްލައަށް ކަމަށްބުނެ އެމްބަސީން އޭނާއާ ހަވާލެއް ނުވިއެވެ. ނައިފަރުގައި އެމީހާ ވަޅުލުމުގެ ހުއްދައެއް ނޯވެއެވެ. އެހެންކަމުން ނައިފަރުން މިހާރު މަސައްކަތް ކުރަމުން ދަނީ މަރުވި ބަންގްލަދޭޝް މީހާގެ ހަށިގަނޑު މާލެ ފޮނުވާލެވޭތޯއެވެ.
އެމީހާ މަރުވިއިރު ޕާސްޕޯޓެއްވެސް އަދި ވިސާއެއްވެސް ނެތެވެ.