Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އެއިމްސްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހާލުގައި ޖެހުނު މީހުންނަށް

ހޭންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކްލިނިކްގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ ޕޯސްޓުގައިވަނީ "މާލޭގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމުގެ ގޮތުން އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމެންޓްގެ އެއް ދުވަހުގެ މުސާރަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ – ދިވެހި ރާއްޖެ އަށް ހަދިޔާކުރަން ނިންމައިފިން" އެވެ.

އެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 400 އެއްހާ މީހުން ހާލުގައި ޖެހުނު ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

އެއިމްސްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހާލުގައި ޖެހުނު މީހުންނަށް ދިނުމަށް ނިންމާފައިވާއިރު އެ ފަރާތްތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ވަނީ އެކައުންޓެއް ވެސް ހުޅުވާފައެވެ. އެ އެކައުންޓު ނަންބަރަކީ 7730000284246 (MVR) މިއެވެ.

މި ހާދިސާގައި ކެމިކަލް ރައްކާކޮށްފައި ހުރި ހަތަރު ގުދަނަކަށާއި ހަ ގެއެއްގައި އަލިފާން ރޯވެފައިވެއެވެ. މި ހާދިސާގައި އެކަކު ނިޔާވިއިރު މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.