ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ 2016ވަނަ އަހަރު އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އުފެއްދި ހަޒާނާ މޯލްޑިވްސް ކުންފުނީގެ ނަން ފާހަގަކުރައްވާ އެ ކުންފުނި އުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އޭގެއިތުރުންވެސް ބައެއް އެހެން ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު މިހާރުވެސް ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަކޮށް އެކުލަވާލާފައިވާ ކޯޕަރޭޓް ގަވަނެންސް ކޯޑެއްވެސް ވަނީ އެކުލަވާލާފައެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ކޯޕަރޭޓް ގަވަނެންސް ކޯޑުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ވަކި އުސޫލުތަކާއި ހަމަތަކެއްގެ ތެރޭގައި ހިފެހެއްޓޭނެ އެވެ. މި ކޯޑަކީ ދުނިޔޭގެ ތަޖުރިބާކާރުންގެ އަމަލީ އެހީއާ އެކު އެކަލަވާލާފައިވާ ކޯޑެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.