Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ނަހުލާ މުވައްޒަފުންނަށް: އެއްޗެހި ކިޔަސް އަޅަންޖެހޭ ފިޔަވަޅު އަޅާނަން!

02 ޑިސެމްބަރ 2018، ސ. ގަން: ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އެއްް ހިއްސާދާރު ކާސާ ހޯލްޑިންގެ ފަރާތުން ޗަމްޕާ އަފީފު އަދި އައްޑޫގެ މޭޔަރ ބައިވެރިވަޑައިގެންނެވި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މެދު ހިތްހަމަ ނުޖެހިގެން އެ މިނިސްޓްރީގެ މުވައްޒަފުން ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެކަމާއި ފަހަތަށް ނުޖެހޭނެ ކަމަށާއި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މުވައްޒަފުންނަށް އަޅާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފްތާ އާދިއްތަ ދުވަހު ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ބުނެފައިވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބިރު ދައްކާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ފަރުވާ ކުޑަވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. ސަންގު ޓީވީން ވަނީ މިނިސްޓަރު ނަހުލާ މުވައްޒަފުންނާއި ބައްދަލުކޮށް ދެއްކި ވާހަކައިގެ އޯޑިއޯއެއް ގެނެސްދީފައެވެ. އެ އޯޑިއޯގައި މިނިސްޓަރު ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޓްރާންސްޕޯޓު އޮތޯރިޓީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ވަރަށް ހިތާމަވެރިކޮށް، "ވަރަށް ދެރަވަރު ފެންވަރުގައި" މަސައްކަތްކުރާ ބޭފުޅުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި ވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މުވައްޒަފުންނަށް އޮޅިފައެއް ނޯންނާނެ ކަމަށާއި ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކަ، ހިތްހަމަނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިއަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތީ މިނިސްޓަރަށް ލިބިވަޑައިގަންނަވާ 60،000 ނުވަތަ 70،000 ރުފިޔާގެ މުސާރައިގެ ބޭނުމުގައި ނޫން ކަމަށާއި އެގޮތަށް އެއްވެސް މުވައްޒަފަކު ހީ ނުކުރުމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ މުސާރަ ނުލިބުނު ނަމަވެސް ލިބޭނެ އެއްވެސް އުނިކަމެއް ނިކަމެތި ކަމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ އަޅުގަނޑު ގޮސް ގޭގައި އިންނާކަށް. އަޅުގަނޑު ހަ ބެއިން ގޭގައި މަންމަ ކައިރީ ބައިންދާފައި ވަޒީރު ކަމާއި ހަވާލުވީ، ހަގީގަތުގައި ވެސް ﷲ އަށްޓަކައި ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން މިކަން ނުވާކަމަށްވަންޏާ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ. ފަހަރެއްގައިވެސް ހީ ނުކުރާތި އަޅުގަނޑަށް ލިބޭ 60-70 ހާސްގެ ބޭނުމަގައޭ. އަޅުގަނޑަށް އުނި އެއްވެސް ކަމެއް ނެތް،" ނަހުލާ ވިދާޅުވެ އެވެ.

މިނިސްޓަރު ނަހުލާ ދެއްކެވި މި ވާހަކަފުޅާއި ގުޅިގެން އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.