Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ކެމިކަލް ގުދަނުގައި ރޯވުން: 2 ގެއެއް ހުލިވެ، އެތައް އެޕާޓުމަންޓަކަށް ގެއްލުން

ކެމިކަލް ގުދަނުގައި ރޯވި ސަރަހައްދު -- ފޮޓޯ / މިހާރު

ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކޮށްފިއެވެ.

މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނެއް ވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. މީގެއިތުރުން އެތައް ގެޔަކަށް މި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިގެން ދިޔައެވެ. އެންޑީއެމްއޭގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ހަތް ގެއަކަށް ސީދާ ގޮތުން އަލިފާނުގެ އަސަރު ކޮށްފައި އެބަހުއްޓެވެ. އޭގެތެރެއިން ދެ ގެއެއް ވަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އެއީ ނިގާރަން، އަދި ނެއިބާ ކިޔާ ދެ ގެއެވެ. މި ދެ ގެއަކީ އެގޭގެ ވެރިފަރާތުން ދިރިއުޅެމުން ދިޔަ ދެ ގެވެސްމެއެވެ.

މީގެތެރެއިން އެންމެ ގިނަ އާއިލާ ދިރިއުޅެމުން ދިޔައީ ކަޅުހުރާ ގޭގަ އެވެ. އެ ގޭގައި 11 އާއިލާ ދިރިއުޅެމުން ދިޔަ ކަމަށް އެމްއެންޑީއޭ އިން ބުންޏެވެ. ދެން އެންމެ ގިނަ ބަޔަކު ދިރިއުޅުނު ރަދުވާނިއާ ގޭގައި ހަ އާއިލާއެއް ދިރިއުޅުނެވެ. އެއީ ގޭގެ ވެރިފަރާތުގެ އިތުރުން ކުއްޔަށް ދިރިއުޅުނު ފަސް އާއިލާ އެވެ. އަދޫ ކިޔާ ގޭގައިވެސް ހަ އާއިލާއެއް ދިރިއުޅުނެވެ. އެއީވެސް އެގޭގެ ވެރިފާރާތް ހިމެނޭހެނެވެ.

ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ މި ހާދިސާއާ ގުޅިގެން 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެކަކު ވަނީ ނިޔާވެފައެވެ.