ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ސަރުކާރުން ހުޅުވާލި ރަޖިސްޓްރީ ވުމުގެ ޕްރޮގްރާމު ގަލޮޅު ދަނޑުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމުގެ ޕްރޮގްރާމު މިހާރު ކުރިއަށް ދަނީ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގައެވެ. އެތަނުން ހިދުމަތް ދެވެނީ ދުވަލާކު 150އެއްހާ ފަރާތަށެވެ. އެހެންކަމުން ދަންވަރު ބައެއް ބިދޭސީން އަންނަނީ ކިއު ހަދަމުންނެވެ. އަދި އެކަމުގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަމުން އަންނާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ އެކަމުގައި އިތުރު ގޮތެއް ވަރަށް އަވަހަށް ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
ޔޫތު މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ޕްރޮގްރާމުގައި ބިދޭސީން ކިއު ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އެކުގައި ގަލޮޅު ދަނޑު މިއަދު ބަލާފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މަސައްކަތް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކަން ކުރަންޖެހޭނީ ވަޒީފާގައި ނޫޅޭ ބިދޭސީންނެވެ.
އިކޮނަމިކް މިނިސްޓްރީން މީގެކުރިން ބުނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. ބިދޭސީން ގާނުނުގެ އިމަށް ވެއްދުމުގެ މަސައްކަތް ކުރަމުން ދާނީ ސިވިލް ސާވިސް ކޮމިޝަން ބިލްޑިންގް ގައި ހުންނަ އިކޮނަމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމެންޓްގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރަޒް ވެވޭނީ އެއްވެސް އިރެއްގައި ރާއްޖޭގައި މަސައްކަތް ކުރުމަށް 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކޮށްފައިވާ ބިދޭސީންނަށެވެ. އެއްވެސްއިރެއްގައި 'އެމްޕްލޯއިމަންޓް އެޕްރޫވަލް' ދޫކުރެވިގެން ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުމެއް ނެތް ފަރާތްތަކަށްވެސް އެ ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރުމަށް ހުށަހެޅޭނެ އެވެ.