ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ޗެއަރމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރަވަތު މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖެނެރަލް ރަވަތު އަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޝާހިދާއި ޖެނެރަލް ރަވަތު ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އޭނާ ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް ބައްދަލުކުރައްވާފައެވެ.
އެމްއެންޑީއެފްއިން ބުނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ މި ދަތުރުފުޅަކީ މިދިޔަ މަހުގެ 29އިން ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހާއިވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.