Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ފުރަތަމަ އަހަރު އެކަނިވެސް 3.6 ބިލިއަން ރުފިޔާގެ މަސައްކަތް އެވޯޑު ކޮށްފި

ފިނޭންސް މިނިސްޓަރު އަމީރު ---

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 3.6 ބިލިއަން ރުފިޔާގެ މަޝްރޫއު އެވޯޑު ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 3.6 ބިލިއަން ރުފިޔާއަށް 129 މަޝްރޫއުއެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަމީރު ވިދާޅުވީ ބައިނަލްއަގްވާމީ ގައުމުތަކާއި ޖަމާއަތްތަކާއި ގާތް ގުޅުމެއް މި ސަރުކާރުން ގާއިމް ކުރުމުގެ ސަބަބުން އެކަމުގެ ފައިދާތައްވެސް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ހިލޭ އެހީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެކުރިން ހިލޭ އެހީގެ ގޮތުގައި އަހަރެއްގެ ތެރޭގައި ޖުމްލަ ލިބިގެން ދަނީ 150 މިލިއަނެއްހާ ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ،

މީގެކުރީގެ ސަރުކާރުން ބަޖެޓު ބޭނުން ކޮށްފައިވަނީ އޭގެ އެންމެ ރަނގަޅު ގޮތުގައި ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ މީގެކުރިން ބަޖެޓުގެ 90 އިންސައްތަ ބޭނުން ކޮށްފައިވަނީ ފާސްކުރި ބަޖެޓާއި މުޅިން ހިލާފަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބަޖެޓު މެނޭޖު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އަމީރު ވިދާޅުވިއެވެ. ކުރިން ބަޖެޓު ނުކޮށް ކުރަމުންދިޔަ ބޭކާރު ހަރަދުތައް ކުޑަކޮށް އަދި މަޝްރޫއުތައް ހިންގަމުން އައި އަގު ވެސް ވަރަށް ބޮޑުތަކުން ކުޑަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ތަފްސީލުތައް، ފިނޭންސް އިން ކޮންމެ ހަފުތާއަކު އާއްމުކުރަމުން އަންނަ މައުލޫމާތުތަކުން ވަރަށް ރަނގަޅަށް އެނގޭނެކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ހިންގަމުން ގެންދަނީ ޕްލޭންތަކެއް ހަދައިގެން ކަމަށެވެ. އެގޮތުން ސަރުކާރުން އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓަ ޕްލޭނެއް ހެދުމުގެ މަސައްކަތް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފައިނަލް ކުރުމަށްފަހު މުޅި ރާއްޖެ އޮންނާނެ ގޮތުގެ ސްޕެޝަލް ޕްލޭނެއް ވަރަށް އަވަހަށް ޕްލޭނިން މިނިސްޓްރީން ހަދާ ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.