Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ސިޓީފުޅަކާއި އެކު ފަލަސްތީނު ރައީސްގެ ހާއްސަ މަންދޫބެއް ރާއްޖެއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ފޮނުއްވި ޚާއްސަ ސިޓީފުޅަކާއެކު އެމަނިކުފާނުގެ މަންދޫބެއް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ މުސްތަޝާރު ޑރ. މަހުމޫދު އަލް ހަބަޝް މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނަށް ވީއައިއޭ އިން މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.

ރައީސް އޮފީހުން ބުނީ ޑރ. އަލް ހަބަޝް ރާއްޖެ ވަޑައިގަތީ ފަލަސްތީނުގެ ރައީސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅަކާއެކުގައި ކަމަށެވެ.

ނިމިދިޔަ އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާފައި އިސްރާއީލުުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް މިހާރު އަރައިގަންނަމުން ދަނީ މީގެ ކުރިން އެކަން ކުރަމުން ގެންދިޔަ މިންވަރަށްވުރެ މާ ގޯސްކޮށް ކަމަށް ވިދާޅުވެފައެވެ. އީސް ވަނީ އދއިން ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ފަހުން މިއަދުވެސް އެ މައްސަލަ އދގައި އެޖެންޑާ ކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި މިއަދު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަމަލުކުރަމުން ދަނީ މީގެ ކުރިން އަމަލުނުކުރާހާ ހަރުކަށިކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ އިސްރާއީލާއި އަރަބި ދުނިޔޭގެ ގައުމުތަކާ މެދުު މަޝްވަރާކޮށް، އިސްރާއީލާއި ފަލަސްތީނު ވަކިވާ ގޮތަށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެއްބަސްވެވިގެން ކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ނަތީޖާ ހާސިލު ކުރުމަށް މަސައްކަތްކޮށްދެއްވުމަށް އދއާއި އދގެ މެމްބަރު ގައުމުތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.