ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ދެ ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ތުލުސްދޫގައި ޖަލްސާއެއް ވެސް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ހުކުރު ދުވަހު ރައީސް ޔާމީން ހުރާއަށާއި ހިންމަފުއްޓަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށަށް އިދިކޮޅު ދެ ޕާޓީން ކުރާ ދަތުރުތަކުން ސަރުކާރަށް ޕްރެޝަރު ބޮޑުވާ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޔާމީނާއި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ މިދިޔަ މަހު ތިން އަތޮޅަކަށް ވަޑައިގެންފަ އެވެ.
ކުރީގެ ރައީސް ޔާމީން ތުލުސްދޫ ދާއިރާގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑާ ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް ވަނީ އަވަސް ކޮށްފަ އެވެ.