ޗެނަލް ނިއުސް މޯލްޑިވްސް "ސީއެންއެމް"އިން ރޭ ލިޔުނި ހަބަރަކާއި ގުޅިގެން އެ ނޫހަށް ފިޔަވަޅު އަޅައި ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން މޯލްޑިވްސް މީޑިއާ ކައުންސިލްގައި އެދިއްޖެއެވެ.
ޖޭޕީން ރޭ ބޭއްވި ހަފްލާއެއްގައި ގާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅާއި ގުޅިގެން "ސީއެންއެމް"އިން ނަގާފައިވާ ސުރުހީގައި ބުނެފައިވަނީ "ގާސިމް އިބްރާހީމްގެ ރަހުމްކުޑަ އިންޒާރެއް ސިވިލް ސާވަންޓުންނަށް" މިފަދައިންނެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ސޮއި ކުރައްވާ މީޑިއާ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ "ސީއެންއެމް"އިން ހަބަރު ލިޔެފައިވަނީ ގާސިމް އިބްރާހީމް ވިދާޅުނުވާ އެއްޗެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ޖޭޕީގެ މީޑިއާ ވައިބާ ގްރޫޕުގައި އެދުމުންވެސް އެކަން އިސްލާހު ކޮށްފައި ނުވާ ކަމަށް އޭނާ އެ ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން ޖޭޕީން ވަނީ އެކަމުގައި އެޅެންހުރި ފިޔަވަޅެއް އަޅައި ދިނުމަށް އެދިފައެވެ.