ދެހާސް ނަވާރަވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ދަތުރުތަކަށް ކަނޑައަޅާފައިވާ ބަޖެޓުގެ 99 އިންސައްތަ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 142.1 މިލިއަން ރުފިޔާއެވެ. އަދި މިހާތަނަށް ހަރަދުކޮށްފައި ވަނީ 141.3 މިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން ބާކީ ބޭނުން ނުކޮށް ވަނީ އެންމެ މިލިއަނެކެވެ. މިއީ ކަނޑައެޅި ބަޖެޓުގެ 99 އިންސައްތައެވެ.
މިއީ ކޮން ދަތުރުތަކަކަށް ކޮށްފައިވާ ހަރަދުތަކެއް ކަމެއް ސަރުކާރަކުން ހާމައެއް ނުކުރެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ދުވަހުން ފެށިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ގިނަ ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ. އެ ދަތުރުތަކަކަކީ ދައުލަތަށް އެހީތެރިކަން ހޯދުމާއި ގުޅުން ބަދަހި ކުރުމަށް ކުރަމުން ގެންދާ ދަތުރުތަކެއް ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ދާދިފަހުން ވިދާޅުވެފައި ވަނީ މިނިސްޓަރު ޝާހިދުގެ ދަތުރުފުޅުތަކުގެ ސަބަބުން ފައިދާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޭރު ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއި އެކުގައި ބޭރުގެ ހިލޭ އެހީ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ދާދިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅަށް އެކަނިވެސް ހަ މިލިއަން ރުފިޔާ ހަރަދުވި ކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދިޔައީ ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެއެވެ. އަދި އެ ދަތުރުގެ ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށް ސަރުކާރުން ބުންޏެވެ.