Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ގުދުސްއަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު ރައީސަށް އަރުވައިފި

ފަލަސްތީނުގެ ވެރިރަށް ގުދުސްއަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސް ސޯލިހަށް މި ދައުވަތު އެރުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފަލަސްތީނު ރައީސްގެ ހާއްސަ މަންދޫބު ޕްރެޒިޑެންޓް އެޑްވައިޒަރ ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސްޕްރީމް ޖަޖް އޮފް ޝަރީޢާ ކޯޓްސް، ޑރ. މަޙުމޫދު އަލް ހައްބާޝް މިއަދު ރައީސް ސޯލިހުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދެއްވި ހާއްސަ ސިޓީފުޅުވެސް ވަނީ އެމަނިކުފާނަށް އަރުވައިފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޑރ. މަހުމޫދު އަލް ހައްބާޝް ވަނީ ފަލަސްތީނުގެ ރައީސްގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހިރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް ފަލަސްތީނު ރައީސާއި ބޮޑުވަޒީރާއި ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ރައްދުކޮށްދެއްވުމަށް ހާއްސަ މަންދޫބުގެ ކިބައިން އެދި ވަޑައިގެންފައެވެ.

މި ބައްދަލު ކުރެއްވުމުގައި ހާއްސަ މަންދޫބު ޑރ. މަޙުމޫދު އަލް ހައްބާޝް ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަގުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްތީނުގެ ވަކި ދަޢުލަތެއް ގާއިމުކުރުމުގެ ވިސްނުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ހައްލުކޮށް މެދުއިރުމަތީގައި ސުލްހަ ގާއިމުކުރެވޭނީ 1967 ގައި އދ އިން ކަނޑައަޅާފައިވާ ގޮތަށް ސަރަހައްދީ އިން ވަކިކޮށް އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހިމެނޭހެން ފަލަސްތީނުގެ ދައުލަތެއްވެސް ގާއިމު ކުރެވިގެންކަން ފާހަގަކުރައްވާފައެވެ.

ފަލަސްތީނުގެ މަންދޫބުގެ ވާހަކަފުޅުގައި ފަލަސްތީނު ދައުލަތެއް ގާއިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. ފަލަސްތީނުގެ މަންދޫބު ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގެދޮރުބިނާކުރުމަށް އިސްރާއީލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އަދި މި ކަންތައްތަކަކީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އޮތް ހުރަހެއްކަން މަންދޫބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަގީންކަން ފަލަސްތީނުގެ މަންދޫބަށް ދެއްވާފައެވެ.