މިދިޔަ މަހު 20 ވަނަ ދުވަހު، ހ. ތިމާވެށީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމް ހަމާލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިސްވެރިންނާއި އެކު މިނިސްޓަރު އިމްރާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މުއިއްޒު އެފަދައިން ވިދާޅުވުމާއި ގުޅިގެން ފުލުހުން ވަނީ އޭނާއާ ސުވާލު ކޮށްފައި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމް ހަމަލާއެއް ކަމަށް މުއިއްޒު ވިދާޅުވީ، އެއްވެސް މައުލޫމާތެއް ލިބިގެން ނޫން ކަމަށާއި، އެއީ އަމިއްލައަށް ހީފުޅުވި އެއްޗެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ކަމަށް ފުލުހުން ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ނޫސް ކޮންފަރެންްސްގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ބަޝީރު ވިދާޅުވީ އަދިވެސް ތަހުގީގު ކުރިއަށްދާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ފެނިފައި، ލިބިފައިނުވާ ކަމަށެވެ.
ތަހުގީގުގައި މިހާތަނަށް 118 އެޕާޓްމެންޓެއް ބަލާ ފާސްކޮށްފައިވާއިރު 27 ސީސީޓީވީ ފުޓޭޖް ނަގައި، 25 ފުޓޭޖް ބަލާ ދިރާސާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަލިފާނުގައި ގެއްލުންވި 20 މީހުންނާއި މަންޒަރު ދުށް 23 މީހަކާއި ސުވާލުކޮށް ބަޔާން ނެގިފައިވާއިރު އަދި އެއްވެސް ހެއްކެއް، އަލިފާން ރޯވީ ބަޔަކު ގަސްދުގައ ކުރި ކަމަކުން ކަމަށް ނުބެލެވޭ ކަމަށް ސުޕްރިޑެންޓް ވިދާޅުވިއެވެ.
ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މުއިއްޒުގެ ފޭސްބުކްގައި އޭނާ ވިދާޅުވީ ކެމިކަލް ގުދަނުގައި ރޯވެ، ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ އެއީ ބަޔަކު މީހުން ރާވައިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. ނަމަވެސް އޭނާ އެދުވަހުވެސް ފޭސްބުކްގައި އެއީ އޭނާގެ ރައުޔު ކަމަށް ވިދާޅުވިއެވެ.
މިދިޔަ މަހު 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހުނެވެ.