Last Updated: June 10, 00:02
Tuesday, June 9, 2026
ރިޕޯޓް

އީދިގަލި ކިޅީގެ ހިމާޔަތް: ކޮން ބައެއްގެ ޒިންމާއެއް؟

އީދިގަލި ކިޅި. ފޮޓޯ: ޝަރަފް

އައްޑޫ ސިޓީގެ ހިތަދޫ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދަކީ 2004 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ.

މިސަރަހައްދު ތިމާވެށްޓާއި ބެހޭ ވުޒާރާއިން ހިމާޔަތް ކުރިކަން ކަނޑައަޅާ ކުރި އިއުލާނުގައި، މިސަރަހައްދަށް ވެހިކަލްތަކުގައި ވަދެ ނިކުތުމާއ،ި މިތަނުން ގަލާއި އަކިރި ނެގުނ އަދި މިސަރަހައްދަށް ކުނި އެޅުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް ހަމައެކަނި އިއުލާނަކުން މިކަން ނުކުރެވޭނެކަން މިއަދު އެތަނުގެ މާހައުލަށް ބަލާލުމުން މިދަނީ ފެންނަމުންނެވެ.

ދިވެހި ރާއްޖޭގެ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ ޒިއްމާ އަކީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މެންޑޭޓްގައި ކަނޑައެޅި އެ އެޖެންސީ އާ ހަވާލުވެފައިވާ ޒިންމާއެކެވެ.

ނަމަވެސް އެ އެޖެންސީގެ ވަސީލަތްތައް ލާމަރުކަޒީ ނުކުރެވި އޮތުމުން މިފަދަ ހިމާޔަތް ކުރެވިފައިވާ ތަންތަނަކީ ހަމަ އެކަނި ކަރުދާހުގައި ހިމާޔަތް ކުރެވިފައިވާ ތަންތަނަށް ވަނީ ވެފަ އެވެ.
އީދގަލި ހިމާޔަތް ކުރެވިފައި އޮންނަތާ ގާތްގަނޑަކަށް 10 އަހަރު ވެގެންދިޔައިރުވެސް މިސަރަހައްދު ވަކި ރޭވުންތަކެއްގެ ދަށުން ބެލެހެއްޓޭން އިންތިޒާމްތަކެއް އަދި ވަނީ ހަމނުޖެހި އެވެ.
ނަމަވެސް ތިމާވެށްޓާއި ބެހޭވުޒާރާއިން މިހާރު ކުރިޔަށް ގެންދާ ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑް ޕްރޮޖެކްޓްގެ ދަށުން މުޖުތަމައު ބައިވެރިވެގެން މި ސަރަހައްދު ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް އެކަށައެޅުމުގެ މަސައްކަތް ދަނީ ކުރެވުމުންނެވެ.
މި ޕްލޭން ހެދިގެންދާއިރު މި ސަރަހައްދުން އިޖްތިމާއީ، އިގްތިސޯދީ އަދި ތިމާވެށި ހިމާޔަތް ކުރުން އަސާސް އަކަށް ބެލިގެން މިތަން ރަނގަޅު އިންތިޒާމެއްގެ ދަށުން ބެލެހެއްޓިގެން ދާނެ ކަމުގެ އުއްމީދު ކުރެވެ އެވެ.
ނަމަވެސް މިފަދަ ޕްރޮޖެކްޓެއް ހިންގުމުގައި ރައްޔިތުންނާއި އަދި ސިޓީ ކައުންސިލާއި ސަރުކާރުގެ އެކި އެކި ވުޒާރާތަކުން ވަރަށް މުހިއްމު ދައުރެއް އަދާކުރަން ޖެހެ އެވެ.

މިއީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ވެސް ފަޚުރުވެރި ވާން ޖެހޭ ރީތި ހިތްގައިމު މާހައުލެއް ލިބިފައިވާ ތަނެއް ކަމުގައި ވިޔަސް މިތަން ހިމާޔަތްކޮށް ބެެލެހެއްޓާ އަންނާން އޮތް ޖީލުތަކަށް މި ރީތީ މާހައުލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ވާސިލްކޮށް ދިނުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު މަދުކަމަކީ ހިތާމަަ ކުރަން ޖެހޭ ކަމެކެވެ.

މިހެން މި ދެންނެވީ މިތަނުގެ ހާލަތު މިހާރު އޮތްގޮތް ފެނުމުން މި ތަނަކީ ކިހާ މުހިއްމު އަދި ކިހާ ބޮޑު އިގްތިސޯދީ އަދި ތިމާވެށީގެ ނާޒުކު މާހައުލެއްކަމުގެ އަގު މިސިޓީގެ ރައްޔިތުން އިހްސާސްކުރާކަމުގެ އެވެސް ނިޗާނެއް ފެންނާން ނެތުމުންނެވެ.

މިތަނަކީ ކުނިގޮނޑަކަށް ހަދާ މިތަނުގެ އެކި ތަންތަނުން ވެއްޔާއި އަކިރި ނަގާ މުޅި މާހައުުލު ވަނީ ވަރަށް ބޮޑަަަަށް ހާލާކުކޮށްލާފަ އެވެ. އަދި ހަަމަ އެހެންމެ މިތަނުގައި ދަނޑުވެރިކަން ކުރާ މީހުން ވަނީ ދަނޑު ތަކުގައި ދާއިމީ ބިނާތައްކޮށް އެ ތަންތަނުގައި ދަނޑުވެރިކަން ކުރުމުގެ ނަމުގައި ބޮޑެތި އިމާރާތްތައް ވެސް ކޮށްފަ އެވެ.

ބޭރުގެ އެހީ ދޭފަރާތްތަކުން ފާހަނގަ ކުރައްވާ ގޮތުގައި ކިތަންމެ ބޮޑު ހޭދައެއް މިތަނަނަށް ހޭދަ ކުރި ކަމުގައި ވިޔަސް މިތަނުގެ ހަގީގީ ވެރިން ކަމުގައވާި މި ސިޓީގެ ރައްޔިތުން މިއީ އެމީހުންގެ އަމިއްލަ ތަރިކައެއް ކަމުގައި ދެކި މިތަނަށް ގެއްލުން ދިނުން ހުއްޓާ ނުލާހާ ހިނދަކު މިތަން ނުބެލެހެއްޓޭނެ އެވެ.
އަދި ކިތަންމެ ފައިސާއެއް ހަރަދު ކުރިޔަސް މިތަނަށް ކުނި އަޅާ މިތަން ހަލާކުކުރާ މީހުން އެމީހުންގެ ޒިއްމާ ނުދަންނަ ނަމަ މިވާނީ ފޫނެއްފަޔަކަށް ފެން ފުރުމަށެވެ.

އަޅުގަނޑުމެން ސިޔާސީވެ އެކި ކުލަތަކުން ޖަރީވެގެން، ސިޔާސީ ކަންކަމުގައި އިހްތިޖާޖު ކުރާ އުސޫލުން މިފަދަ ރިތި ތަނެއް ނެތިގެންދާ އިރު އެކަމާ އިހްތިޖާޖް ނުކުރަނީ ކީއްވެބާއޭ ހިތަށް އަރަ އެވެ.
އަދި ކައުންސިލާއި ސަރުކާރު އެކި ސިޔާސީ ކަންކަމުގައި ޒިއްމާދާރު ކުރުުވުމަށް ހަޅޭއްލަވާ މަގު މައްޗަށް ނިކުންނަ އިރު މިފަދަ މުހިއްމު ކަން ކަން ހަނދާން ނައްތާލަނީ ކީއްވެބާ އެވެ؟

އީދިގަލި ކިޅި ހިމާޔަތް ކުރުމުގައި ކައުންސިލާއި، އީޕީއޭ އަދި އެހެނިހެން ފަރާތްތަކުގެ ޒިއްމާ އެފަރާތްތަކަށް އަދާ ކުރެވޭ މިންވަރު ބަލާ މިކަންކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން މި ފަރާާާާތްތަކަށް ޑިމާންޑް ކުރަން ޖެހެ އެވެ.
އަދި ހަމަ އެހެންމެ ފަރުދީ ޒިންމާއެއްގެ ގޮތުން މިތަނުގައި ކުރުން މަނާ ކަންތައްތައް ކުރުމުން ދުރުވެ މިފަދަ ކަންތައް ކުރާ މީހުން ހުއްޓުވުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.

މިތަން ހިމާޔަތް ކޮށް ބެލެހެއްޓުމަކީ ހަމަ މި ސިޓީގެ ރައްޔިތުންގެ ޒިއްމާއެކެވެ. ބޭރުގެ އެހީދޭ ޖަމާއަތްތަކާއި ގައުމުތަކުން މިކަން ކިތަންމެ ވަރަކަށް ކުރަން އުޅުނަސް މިއީ އަހަރެމެން އެންމެންގެ އަމިއްލަ ކަމެއް ކަމުގައި ދެކި މިކަމުގައި އަހަރެމެން ނަގަން ޖެހޭ ފަރުދީ ޒިންމާ ނުނަގާ މިހިތްގައިމު މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށެއް ނުދެވޭނެ އެވެ.

އަހަރެމެން އަބަދުވެސް ހަނދާން ބަހައްޓަންވީ އަހަރެމެންގެ މުއްސަނދި ކަމަކީ ކޮންކްރިޓެއް ނޫން ކަމެވެ. އަދި ބަނދަރުތަކާއި މަގުތަކެއް ވެސް ނޫނެވެ.

މި ސިޓީއަށް ލިބިފައިވާ އެންމެ ބޮޑު މުއްސަނދިކަމަކީ އަހަރެމެންގެ ގުދުރަތީ މާހައުލުތަކެވެ. ފަރުތަކާއި، ކިޅިތަކާއި ޗަސްބިންތަކެވެ. މިތަންތަން ހަލާކުކޮށް ވަގުތީ މަންފާތަކެއް ހޯދުމަށް އުޅުމުން އަޅުގަނޑުމެންނަށް ގެއްލިގެން ދާނީ އަގު ނުކުރެވޭ ފަދަ މުހިއްމު ވަސީލަތްތަކެވެ.

އަޅުގަނޑުމެން ތަރއްގީ ޕްލޭންކޮށް ރާވާ އިރު އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ގުދުރަތީ ވަސީލަތްތައް އިޔާދަ ނުކުރެވޭ ވަރަށް ހަލާކު ނުުކޮށް ބޭނުން ނުކޮށް ތަރައްގީ ހޯދުމަކީ މިއަދު އަޅުގަނޑުމެންގެ ޖީލުގެ ބޮލުގައި އެޅިފައިވާ ވަރަށް ބޮޑު ޒިއްމާއެކެވެ.