Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ލުތުފީ ފިލި މައްސަލަ ޕީޖީއަށް ފޮނުވައިފި

އަބްދުﷲ ލުތުފީ - ފޮޓޯ: ޕީއެސްއެމް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ލުތުފީ ފިލި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

މިދިޔަ ޖުލައި މަސް ތެރޭގައި ފުލުހުން ބުނީ ލުތުފީ ފިލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދެވުނު އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައިހުރި މީހެކެވެ. ނަމަވެސް ބޭސްފަރުވާ އަކަށް 2010 ގައި ރާއްޖެއިން ބޭރަށް ފޮނުވުމުން އޭނާ ވަނީ ފިލާފައެވެ. މިހާރު އޭނާގެ ހުކުމްގައި އޮތީ ހަތަރު އަހަރާއި ދުވަސް ކޮޅެކެވެ.

ފިލައިގެން އަށް އަހަރު އުޅުމަށްފަހު ލުތުފީ ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންނާ އަމިއްލަ އަށް ހަވާލުވެފައެވެ. އަދި މިދިޔަ ޖޫން މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުން ލުތުފީ އަނބުރާ ރާއްޖެ ގެނައިއިރު، މާލެ ގެނައި ގޮތަށް ފުލުހުން ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ.