Last Updated: June 5, 22:30
Friday, June 5, 2026
ކުޅިވަރު

ފަހަތުން އަރައި ސުއަރޭޒް، ބާސާ މޮޅުކޮށްދީފި

sky sports

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު މެޗުތައް ކުޅެމުން އަންނައިރު ރޭ ފޯރިގަދަވި ބާސާ-އިންޓަ މެޗު، ފަހަތުން އަރައި ބާސެލޯނާއިން ކާމިޔާބުކޮށް އުއްމީދު އާކޮށްފިއެވެ.

ފުރަތަމަ މެޗުގައި ޑޯޓުމަންޑާ ކުޅެ އެއްވަރުވި ބާސާއިން ރޭގެ މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންޓަގެ މާޓިނޭޒް އެޓީމަށް ލީޑު ނަގާދީފައި ވަނިކޮށް، ފަހު ހާފުގައި ސުއަރޭޒް ޖެހި ދެގޯލުން ބާސާ ވަނީ ތިން ޕޮއިންޓު ކަަށަވަރުކޮށްފައެވެ.

އިންޓައަށް މެޗުން މޮޅު ނުވެވުނީ ފުރަތަމަ ހާފުގައި ލިބުނު ގިނަ ފުރުސަތުތައް ބޭކާރުކޮށްލުމުންނެވެ. ވަލްވާޑޭގެ ބާސެލޯނާއިން ވަނީ ފަހު ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އާޓޫރޯ ވިޑާލް އެރުވުމުން އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ގޯލު ސުއަރޭޒް ކާމިޔާބުކުރީ ވެސް ވިޑާލްގެ އެސިސްޓަކުންނެވެ. ފަހު ގޯލު އޭނާއަށް ތަނަވަސްކޮށްދިނީ ކެޕްޓަން މެސީއެވެ. މިގޯލު ބާސާއިން ޖަހާފައިވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށެވެ.

ރޭ މިގްރޫޕުގައި ޑޯޓުމަންޑާ ސްލަވިއާ ޕްރާހާ ބައްދަލުކުރި މެޗު 0-2 އިން ކާމިޔާބުކުރީ ޑޯޓުމަންޑެވެ. ދެގޯލުވެސް މިމެޗުގައި ޑޯޓްމަންޑަށް ޖަހާދިނީ އަޝްރަފް ޙަކީމީއެވެ. ފުރަތަމަ މެޗުން އިންޓަ އެއްވަރުވުމާ ގުޅިގެން އިންޓައަށް މިހާރު ވަނީ ގްރޫޕުން ކުރިއަށް ދިއުމަށް ފުރުސަތު ހަނިވެފައެވެ.