Last Updated: June 10, 00:02
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ދިލް ހޭ ކެ މާންތާ ނެހީ" ގެ ރިމެކިންއެއް

ބަޓް ކެމްޕޭގެ 1990 ވަނަ އަހަރުގެ ކާމިޔާބް ފިލްމް "އާޝިގީ" އަށް ފަހު މި އަހަރު ގެނެސް ދިން "އާޝިގީ 2" ގެ ބޮޑު ކާމިޔާބީ އާ ގުޅިގެން އަނެއްކާ ވެސް ބަޓް ކޭމްޕްގެ އެހެން ފިލްމެއް އަލުން ހަދާ ގޮތަށް ނިންމައިފި އެވެ.

މި ފަހަރުގެ ފިލްމަކީ 1991 ވަނަ އަހަރު މަހޭޝް ބަޓް ޑައިރެކްޓްކޮށް، އޭނާގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓް އާއި އާމިރް ހާން ލީޑް ރޯލް ކުުޅުނު އަސަރު ގަދަ ލޯބީގެ ފިލްމް "ދިލް ހޭ ކެ މާންތާ ނެހީ" އެވެ.

މި ފިލްމްގެ ރިމެކިންްއެއް ހަދަން ނިންމާފައިވާކަން މަހޭޝް ބަޓްގެ އިތުރުން ފިލްމްގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"އާޝިގީ 2 ހެދި އިރު ވެސް ޔަގީންކަން އޮތް ފިލްމް ބެލުންތެރިންނަށް ކަމުދާނެކަން. އެހެންވެ މި ފަހަރު ވެސް އަހަންނާއި މަހޭޝް ވާހަކަ ދެއްކުމަށް ފަހު ދިލްހޭ ކެ މާންތާ އަލުން ހަދަން ނިންމީ. ވަރަށް ޔަގީންކަން އެބަ އޮތް މި ފިލްމް ވެސް އަލުން ބެލުންތެރިންނާ ހަމައަށް ގެނެސް ދީފި ނަމަ ކާމިޔާބް ވާނެކަން،" ބުޝަން ބުންޏެވެ. "މިހާރު މި އަންނަނީ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން."

މަހޭޝް ބުނީ ފިލްމް އަލުން ހަދާ އިރު، ބެލުންތެރިންނަށް ކުރިއަށް ވުރެ ބޮޑަށް ކަމުދާ ކަހަލަ ބަދަލުތައް އާމިރްގެ ކެރެކްޓާ އަށް ގެންނާނެ ކަމަަށެވެ.

ބުޝަން ވެސް އަދި މަހޭޝް ވެސް ބުނީ "ދިލް ހޭ ކެ މާންތާ ނެހީ" ގައި އާމިރް ކުޅުނު ރޯލް ރިމެކިންގައި ކުޅޭނީ އިމްރާން ހާޝިމީ ކަމަށެވެ. އަދި އެ ރޯލް ވަރަށް ފުރިހަމަ އަށް އިމްރާން އަދާ ކުރާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ދެ މީހުން ވެސް ބުންޏެވެ.

އެހެން ނަމަވެސް ޕޫޖާގެ ރޯލް ކުޅޭނެ ތަރިއެއް އަދި ނުނިންމަ އެވެ. އަދި ފިލްމް ޑައިރެކްޓް ކުރާނެ މީހަކު ވެސް ނުނިންމަ އެވެ.

"ދިލް ހޭ ކެ މާންތާ ނެހީ" ގެ ރިމެކިންއެއް ހަދަން ބަޓް ކޭމްޕުން ނިންމި އިރު ކަރަން ޖޯހަރުގެ "ސްޓުޑަންޓް އޮފް ދި ޔެއާ" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފްވި މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް ވަނީ އެ ފިލްމްގެ ރިމެކިންއެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން މީގެ ކުރިން ފާޅުކޮށްފަ އެވެ.

އެގޮތުން ރަންބީރް ކަޕޫރާއި އާލިއާ ހިމަނައިގެން އޭނާގެ ދައްތަ ޕޫޖާ "ދިލް ހޭ ކެ މާންތާ ނެހީ" އަލުން އުފެއްދުމަކީ ދެކޭ ހުވަފެނެއް ކަމަށް އާލިއާ ބުނެފައިވެ އެވެ.

އެހެން ނަމަވެސް އިމްރާނާ އެކު އާލިއާ ރިމެކިންގައި ފެނިދާނެތޯ ނުވަތަ ނޫންތޯ އަދި އޮތީ ސުވާލް މާކެއްގެ ތެރޭގަ އެވެ.