Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޖޭއެސްސީގެ މެންބަރުކަމަށް ކުރިލަތިލާން އަނެއްކާވެސް ހުޅުވާލަނީ

ޖޭއެސްސީގެ ބައެއް މެމްބަރުން

އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރަކު ހޯދުމަށް އަލުން އިއުލާން ކުރުމަށް ނިންމައިފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި ހުޅުވާލިއެވެ. އެއީ އެ ކޮމިޝަނަށް އާއްމުންގެ ތެރެއިން މިހާރު ކަނޑައަޅާފައިވާ މެންަރު އަބްދުލް ހަންނާނު އަހުމަދުގެ ދައުރު ހަމަވާތީއެވެ.

ނަމަވެސް ދެވަނަ ފަހަރަށް އަނެއްކާވެސް އިއުލާން ކުރަން ޖެހުނު ސަބަބު މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ހާމަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރިން އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ރައްޔިތުން މަޖިލީހުން ކުރިން އަމަލު ކުރަމުން ދިޔަ ގަވާއިދުގެ ދަށުން ކަމަށެވެ.

ނަމަވެސް މިހާރު އަލަށް އަމަލުކުރަމުންދާ މަޖިލިސް ގަވައިދުގައި މަގާމުތަކަށް އެގޮތައް އިއުލާން ކުރުމާ ގުޅޭ މަރުހާލާ ވަރަށް ތަފާތުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ގަވާއިދު ބުނާ ގޮތުން ގިނަ ބަޔަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް އިއުލާން ކުރަން ނިންމީ އެކަން އެގޮތަށް އޮތަތީއާ، ޖުޑީޝަރީ ކޮމެޓީން އެގޮތަށް އެމަނިކުފާނު އަރިހުގައި ދެންނެވެމުން ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.