Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ސީޕީ ހަމީދަކީ އެމްޑީއެންގެ މަގާމެއް އަދާކުރާ ފަރާތެއް ނޫން: ފުލުހުން

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެއްވެސް މަގާމެއްގައި އަދާކުރައްވާ ބޭފުޅެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިގޮތަށް ބުނެފައިވަނީ ސޯޝަލް މީޑިއާގައި ކޮމިޝަނަރު އޮފް ޕޮލިސްގެ ޓްވީޓާ އެކައުންޓުގައި އެމަނިކުފާނަކީ އެމްޑީއެންގެ ބޯޑު މެންބަރެއް ކަމަށްބުނެ އެމަނިކުފާނުގެ ޕްރޮފައިލްގައި ލިޔެފައިވާތީ އެ ޕްރޮފައިލްގެ ސްކްރީން ޝޮޓްުތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ. 

ފުލުހުން ބުނީ ފުލުހުން ވަޒީފާ އަދާ ކުރައްވަމުން އެމްޑީއެންގެ އެއްވެސް މަގާމެއް ކޮމިޝަނަރު އޮފް ޕޮލިސް އަދާ ނުކުރައްވާ ކަމަށެވެ. ފުލުހުން ބުނީ ކޮމިޝަނަރު އޮފް ޕޮލިސް ވެސް އަދި އެހެނިހެން ފުލުހުންވެސް ފުލުހުންގެ ވަޒީފާ އަދާކުރާ ހިނދު އެ އިދާރާގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ އުސޫލާއި ހިލާފުވާ ފަރާތްތަކަށް ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ޑިމޮކްރަސީ ނެޓުވޯކުން މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ގުރުއާނާއި ރަސޫލުﷲ (ސ.އ.ވ) އަށް ބަދުބަސްބުނެ ވަނީ ރިޕޯޓެއް ނެެރެފައެވެ. އަދި އެ ރިޕޯޓުގެ ސަބަބުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާ އެ ޖަމިއްޔާ އުވާލަން ވެސް ވަނީ ގޮވާލައިފައެވެ. އޭގެތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ހަމައެއާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ [އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ] ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާ އެކަން ތަހުގީގު ކޮށްދިނުމަށް އެދިފައެވެ.