Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

އެމްޑީއެންގެ ފިކުރަކީ އެމްޑީޕީގެ ފިކުރު، މައްސަލަ ބަލާކަށް ނުކެރޭނެ: ޔާމީން

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވާހަކަފުޅުދައްކަވަނީ -- ޔާމީން ވިދާޅުަވަނީ އެސްއޯއެފް ކިޔާ ކުންފުންޏެއް ނުދަންނަ ކަމަށް: ފޮޓޯ / ޕީއެސްއެމް ނިއުސް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ފިކުރަކީ މިހާރުގެ ސަރުކާރުގެ ފިކުރު ކަމަށް ވިދާޅުވެ އެމްޑީއެންއަށާއި މިހާރުގެ ސަރުކާރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.

ތުލުސްދޫ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ތުލުސްދޫގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންއިން މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނި މައްސަލައަކީ ބަލަންޖެހޭނެ މައްސަލައެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންއަކީ ވެސް އެހެން އެއްވެސް މުއައްސަސާއަކީ އޭގެ ޒާތުގައި އަމިއްލައަށް އުފަންވާނެ މުއައްސަސާއެއް ނޫން ކަމަށެވެ. އެގޮތުން އެމްޑީއެން އުފެއްދި ބަޔަކާއި އެ ހިންގާއި ބަޔަކު މިހާރުވެސް ތިއްބަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަޔަކު މީހުންނަށް ފަރުދީ މިނިވަން ކަމެއް ދީގެން އިސްލާމް ދީނަށް ފުރައްސާރަ ކޮށް މަލާމާތް ކުރާތަން އިސްލާމީ ވެރިކަމެއްގައި ބަަލަން ތިބިގެން ނުވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ޕީޕީއެމްއާއި ޕީއެންސީގެ ފިކުރު ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"ފުލުހުން ކުރަންޖެހޭ ފުރަތަމަވެސް ކަމަކީ މި އުފެއްދީ ކީއްކުރަންތޯ. މި އުފެއްދި އިރު އިސްކޮށް ތިބީ ކޮން ބައެއްތޯ. އެމީހުން މިއަދު ތިބީ މި ސަރުކާރު ތެރޭގައިތޯ. މި ސަރުކާރުގައި ތިބި ކަމަށް ވާނަމަ ސަރުކާރުގެ ކެތްތެރިކަން ނުވަތަ ސަރުކާރުގެ ފުދުންތެރިކަން އެބަހުރިތޯ އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅާފައި މައްސަލަ ބަލަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދީނާ ދެކޮޅަށް ކުރެވޭ ކަންކަމަކީ ފަރުދީ ކަންކަމުގެ ގޮތުގައި ސަރުކާރުން ބަލައިގަނެގެން ނުވާނެ ކަމަށެވެ. އިސްލާމީ ގައުމެއްގައި ހުޅަނގުގެ ޑިމޮކްރަސީ "ކޮށާ މަށަން" ޖެހެނީ ސަބަބުތަކެއް އޮވެގެން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ އެމްޑީއެންގެ ރިޕޯޓަށް ފިޔަވަޅު އަޅައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށަހެޅޭތީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.