Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ދީނާއި ރަސޫލާއަށް ކުރާ ފުރައްސާރައެއް ބަލައެއް ނުގަނެވޭނެ: ގާސިމް

ގާސިމް އިބްރާހީމް --

ދިވެހިންގެ ތެރެއިން އެކަކުވެސް އިސްލާމްދީނަށް ކުރާ ފުރައްސާރަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ކުރާ ފުރައްސާރައަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ގާސިމް މިފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.

އެމްޑީއެންގެ އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިޔާގައި އެ ޖަމިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

"ރިޕޯޓު ވަގުތީ ގޮތުން އަނބުރާ ގެނެސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހު ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން" އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އިން ބުނީ އެ ޖަމިއްޔާ އަކީ އިސްލާމްދީނަށާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހުތިރާމްކުރާ ޖަމިއްޔާއެއް ކަމަށާއި ދެން މިފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.