Last Updated: April 24, 09:46
Wednesday, April 24, 2024
ދުނިޔެ

ސަން އާއި މިރާގެ ވެރިން ގޮވައިގެން ޕްރިންސް ހެރީ ކޯޓަށް

getty

އިނގިރޭސި ދުވަހު ނޫސް "ދަ ސަން" އަދި "ޑެއިލީ މިރާ" ގެ ވެރިންނާ ދެކޮޅަށް އިނގިރޭސި ޝާހީ އަމީރު، ހެރީ ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

ޕްރިންސް ހެރީ ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ހެރީގެ އަނބިކަނބަލުން، މެގަން މާކަލް، މެއިލް އޮން ސަންޑޭ ނޫހާ ދެކޮޅަށް ދައުވާ ކުރަން ހުށައެޅިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އޭގެ ކުރިން ހެރީ ވަނީ އިނގިރޭސި ބައެއް މީޑިޔާތަކުން މެގަންއާ ދޭތެރޭ އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހެރީ ބުނެފައިވަނީ މީޑިޔާގެ ސަބަބުން އޭނާގެ މަންމަ، ޕްރިންސެސް ޑަޔާނާވެސް ގެއްލިފައިވާ ކަމަށާއި އަންހެނުންނަށް އެހެންވާން ނޭދޭ ކަމަށެވެ.

ސަން އަދި މިރާއާ ދެކޮޅަށް ހެރީ ދައުވާ ކުރަނީ އޭނާގެ ފޯނު ހެކް ކޮށް ވޮއިސްމެއިލްތަކެއް އަޑުއެހިކަމުގެ ތުހުމަތުގައެވެ. ބަކިންހަމް ޕެލެސްއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ސަންގެ މައި ކުންފުނިން ވަނީ ޝާހީ އާއިލާއިން ކޯޓަށް މައްސަލައެއް ވައްދާފައިވާކަން އެނގިފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު އެއްވެސް ވާހަކައެއް ހިއްސާ ކުރެވެން ނެތް ކަމަށް ތަރުޖަމާނަކާ ހަވާލާދީ އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކުރެއެވެ. ޑެއިލީ މިރާއިން ބުނެފައިވަނީ މައްސަލައެއް ވައްދައިގެން އުޅޭކަން އެނގިފައިވާ ކަމަށާއި ނަމަވެސް ރަސްމީގޮތުން އެންގުމެއް އަންގާފައި އަދި ނުވާ ކަމަށެވެ.