Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ޓްރަމްޕް ބޭރުކުރުން: ލިޔެކިޔުންތައް ހަވާލުކުރުމަށް ވައިޓް ހައުސްއަށް އަމުރުކޮށްފި

(Photo by Win McNamee/Getty Images)

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ބޭރު ގައުމެއްގެ އެހީ ގަވާއިދާއި ޚިލާފަށް ހޯދިކަމަށް ބުނެ އިދިކޮޅު ޑިމޮކްރެޓް ޕާޓީން، ޓްރަމްޕް މަގާމުން އަޒުލުކުރުމަށް ނިންމާފައިވާއިރު ހައުސް އޯވަސައިޓް ކޮމިޓީގެ ޗެއާމަން، އެލައިޖާ ކަމިންގްސް ވައިޓް ހައުސްއަށް މިމައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަވާލުކުރަން އަމުރުކޮށްފިއެވެ.

މައްސަލަ ހޫނުވެފައިވަނީ ޖުލައި މަހުގެ ފަހުކޮޅު ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ގުޅުއްވައި، ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާއި އޭނާގެ ދަރިފުޅު ހަންޓާގެ މައްޗަށް ތަހުގީގެއް ހިންގުމަށް އެދުނުކަން ފަޅާ އެރުމުންނެވެ. ޒެލެންސްކީއަށް ޓްރަމްޕް ގުޅުއްވީ އިންތިޚާބުން އޭނާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދެންނެވުމަށެވެ.

ހަވާލުކުރަން އަމުރުކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ޔުކްރެއިންގެ ރައީސް ޒެލެންސްކީއާއި ޓްރަމްޕާ ދެމެދު ދެކެވުނު ފޯން ކޯލް ރެކޯޑިންއާއި އެކަމާ ގުޅޭ އިތުރު ލިޔެކިޔުންތަކެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ކޯޓަށް ވައްދާފައިވާއިރު ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސްގެ ފަރާތުން އެހީތެރިކަން ހޯދަން ކުރި މަސައްކަތަށް އިއުތިރާފު ވެފައެވެ. ޓްރަމްޕް ވިދާޅުވީ ރައީސްގެ ހައިސިއްޔަތުން ކޮރަޕްޝަން ހުއްޓުވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. އެއީ ބޭރު ގައުމެއްގެ އެހީތެރިކަން ހޯދައިގެން ކުރަން ޖެހުނު ކަމަކަށް ވިޔަސް އެކަން ކުރަން ޖެހޭ ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ސިޔާސީ ކުރަނީ ކޮރަޕްޝަން ފޮރުވަން މަސައްކަތް ކުރާ ފަރާތްތަކުން ކަމަށް ވިދާޅުވިއެވެ.

ލިޔެކިޔުންތައް ހޯދަން އަމުރުކުރުމާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ އެއްވެސް ކަމެއް ބަދަލު ނުވާ ކަމަށެވެ. އަދި ރައީސް ޓްރަމްޕް ގާނޫނާއި ޚިލާފުވި ކަމަށް ނުދެކޭ ކަމަށް ވައިޓް ހައުސްއިން ތަކުރާރުކޮށްފައިވެއެވެ.

އަދި ޑިމޮކްރެޓުން މަޖިލީހުގައި ކުރާ ތަހުގީގަށް އެއްބާރުލުން ނުދޭން ވައިޓް ހައުސްއިން ވަނީ ނިންމާފައެވެ. ސަރުކާރުން ބުނެފައިވަނީ މިއީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކެވެން ނެތް ކަމަށެވެ.