މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓަކީ ދީނަށް ފުރައްސާ ކުރުމުގެ އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެމްޑީއެންއިން ނެރެފައިވާ ރިޕޯޓުގައި ކީރިތި ރަސޫލާއާ (ސ.އ.ވ)އަށް ބަދުބަސް ބުނެފައިވާއިރު އެތައް ގޮތަކުން ވަނީ އިސްލާމްދީނަށް ފުރައްސާރަ ކޮށްފައެވެ. އެކަން ކުށްވެރިކޮށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެމްޑީއެންގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން މަނާ ކުރެވިފައިވާ ކުށަކަށް ވާތީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ ޖަމްއިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށެވެ. އެމްޑީއެންގެ ރިޕޯޓު ދިފާއު ކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ރިޕޯޓަކީ 2016ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އަދި މިއަދު އެކަމާއި ދެކޮޅު ހަދާ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާ ދިފާއު ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަދާލަތުގެ ބަޔާނުގައި ބުނީ އެއީ 2016ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށްވީ ނަމަވެސް އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ރިޕޯޓަކަށްވެފައި އެ ރިޕޯޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައި ދެކޭ ކަމަށެވެ.
"ހަމަ އެހެންމެ މި ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ މިކަމާ މެދު މި ޕާޓީން އިންތިހާޔަށް ކަންބޮޑުވަމެވެ. މި ދެންނެވި ކަންކަން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް “ސަރޓިފައިކުރެވިފައި ނުވާ” މަދަނީ ޖަމްއިއްޔާއަކާއި ހިއްސާކުރެވިފައިވަނީ ކޮންގޮތަކުންތޯބަލާ ތަހުގީގުކުރުމަށްވެސް އަދާލަތު ޕާޓީން ގޮވާލަމެވެ." އަދާލަތުގެ ބަޔާނުގައިވެއެވެ.
ބަޔާން ނިންމާލަމުން އަދާލަތުން ވަނީ އިސްލާމްދީނާ ގުޅުންހުރި އެއްވެސްކަމަކަށް ފުރައްސާރަ އާއި އިހާނެތިބަސް ރައްދުވާނެހެން ވާހަކަދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށް އިލްތިމާސްކޮށްފައެވެ.