Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ޗައިނާ ރުޅިގަދަ ކުރުމަކީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތެއް ނޫން: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް

އިންޑިއާ އާއި ޗައިނާއާ ގުޅުން ހުރި މައްސަލަތަކާއި ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއް މޭޒަކަށް ވަޑައިގަތުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ގޮވާލައްވައިފިއެވެ.

އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑިއާ އާއި ޗައިނާއާ ބެހޭ ގޮތުން ނަޝީދު ދެއްކެވި ވާހަކައާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރަން ރައީސް ސޯލިހާއި ރައީސް ނަޝީދު އެއް މޭޒަކަށް ވަޑައިގަތުމަށް ގޮވާލައި ކަމަށެވެ. އިންޑިއާ އާއި ޗައިނާއަކީވެސް މުހިއްމު ދެ ބައިވެރިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ދީލަތި އެހީއާ އަދި އަރަމުންދާ އިގުތިސާދީ އަދި އަސްކަރީ ސުޕަޕަވާއެއް ކަމަށްވާ ޗައިނާ ރުޅިގަދަކުރުމަކީ އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝަރީފްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިންޑިއާ އިކޮނޮމިކް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތައް ސިޔާސީ ލީޑަރުންނެއް ހައްޔަރުކުރީ ޗައިނާ ފަހަތުގައި އޮވެ ކަމަށެވެ. ނަޝީދު ޗައިނާ އާ ގުޅޭގޮތުން ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒެންގ ލިޒޮންގ ވިދާޅުވީ ޗައިނާއިން ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބަދަހި ކުރަނީ ސުލްހަވެރިކަމާއެކު މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށާއި، އެއްވެސް ގައުމަކަށް ކަންކަން ކުރަންވާ ގޮތެއް އަންގާ ގައުމެއްގެ ގޮތުގައި ޗައިނާ ނޯންނާނެ ކަމަށެވެ.