Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ދީނީ އެއްބައިވަންތަކަން ދަމަހައްޓަން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެދިއްޖެ

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރާއްޖޭގައި ހެދިފައިވާ ޖަމިއްޔާތަކުން އެއްބާރުލުން ދިނުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތުގެ ހައިސިއްޔަތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2016ވަނަ އަހަރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓަކާއި މެދު އޭރުގެ ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާކަން މިއަދުގެ ސަރުކާރުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ ރާއްޖޭގައި ހެދިފައިވާ އެންމެހާ ގާނޫނުތަކަށް އިހްތިރާމް ކުރުމަށްވެސް ހުރިހާ ޖަމިއްޔާތަކަށް އިލްތިމާސް ކޮށްފައެވެ.

ޔޫތު މިނިސްޓްރީން މިހެން ބުނެފައިވާއިރު އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާކޮށް ބަދުބަސް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.

އެމްޑީއެންގެ އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިޔާގައި އެ ޖަމިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެމްޑީއެން އިން ބުނީ އެ ޖަމިއްޔާ އަކީ އިސްލާމްދީނަށާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހުތިރާމްކުރާ ޖަމިއްޔާއެއް ކަމަށާއި ދެން މިފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.