އިސްލާމްދީނަށް އެންމެ ބޮޑަށް ފުރައްސާ ކުރުމަކީ އެ ދީން ހަތިޔާރަކަށް ނަގައިގެން މަސައްކަތް ކުރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ޝާއިއު ކުރި ރިޕޯޓަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ ޖަމިއްޔާ އުވާލުމަށް އެތައް ބަޔަކު ގޮވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެމްޑީއެންގެ އިސްވެރިން ހައްޔަރު ކުރުމަށާއި އެ މައްސަލަ ބަލާ ތަހުގީގުވެސް ކުރުމަށް އެތައް ބަޔަކު ދަނީ ގޮވަމުންނެވެ. ހަމައެއާއެކު އެ މައްސަލާގައި ސަރުކާރުގެ އެއްވެސް ވެރިއަކު އެއްޗެއް ވިދާޅުނުވާތީ އެކަމާވެސް އާއްމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ފެންމަތިވެެފައިވާއިރު އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.
އެ ރިޕޯޓު އެމްޑީއެން އިން ނެރެފައިވަނީ 2016 ވަނަ އަހަރު ކަމަށްވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިކަމާމެދު ފިޔަވަޅު އަޅާފައިނުވާތީ މި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ކުރީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެމްޑީއެންގެ އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިޔާގައި އެ ޖަމިއްޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.