ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު އައްޑޫގައި ހުޅު ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބޭފުޅަކު އަލުން ވެރިކަމަށް ވަޑައިގަންނަވަން ބޭނުން ވިޔަސް އެއީ ވެރިކަމުގެ ވާހަކަ ވެސް ދައްކަވަން ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އެ ވާހަކަ ދައްކަވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑު އަށް ވަޑައިނުގަތުމަށް ޕީޕީއެމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް ގޮވާލައްވައިފި އެވެ.
ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި ޑރ. ޖަމީލް ވިދާޅުވީ ނަޝީދަކީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައި ގިނަ މައްސަލަތަކެއްގެ އަސްލު ކަމަށެވެ.
އެގޮތުން ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި އަނިޔާވެރި ގޮތަކަށް މަރާލި ހުރިހާ މީހުންގެ މަރުގެ ޒިންމާ ވެސް ނަންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅަނީ ނަޝީދު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ގައިގައި ތަޅަން ތަކުރާރުކޮށް ގޮވާލައްވާފައިވާ ބޭފުޅަކު ގައުމެއްގެ ވަލިއްޔުލްއަމްރުގެ މަގާމަށް ގެނައުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި ޑރ. ޖަމީލް ވިދާޅުވީ ނަޝީދު އުޅުއްވި ގެއިން ބަނގުރާ ފެނުމާއި ސުޕްރީމް ކޯޓްގައި ތަޅު އެޅުވުމާއި ގާޒީއަކު ވަގަށް ނެގުމާއި ޕްރޮސެކިއުޓާ ޖެނެރަލަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބިރު ދެއްކުމާއި ކޮރަޕްޝަންތަކުގެ ބޮޑެތި އަމަލުތައް ސަރުކާރުގައި ހިންގާފައިވާ ކަމަށެވެ.
އަދި އިސްތިއުފާ ދެއްވުމަށް ފަހު އަލުން ވެރިކަމަށް ވަޑައިގަންނަވަން ނަޝީދު މަސައްކަތް ކުރައްވާ އިރު އެއީ ވެރިކަމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ގަބޫލްނުކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިއަދު ރާއްޖެ އަށް ކުރިމަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތައް އެކި ހިސާބުތަކުގައި ކުށް ކުރުން އިތުރުވެގެން ދިއުން، އެކި ހިސާބުތަކުގައި މީހުން މަރަމުން ދިއުން، ވައްކަން އިތުރުވެގެން ދިއުން، މަގު ފޭރުން އަދި ހަމައެއާ އެކީގަ މީހުންގެ އަބުރަށް އަރައި ގަތުން، މީހުންނަށް އުޅެން އުނދަގޫވުން، މީހުންގެ ދިރިއުޅުން ހަލާކުކޮށްލުން، "ޑރ. ޖަމީލް ވިދާޅުވި އެވެ. "މި ހުރިހާ ކަމެއްގެ ޒިންމާ ވެސް ޝައްކެއް ނެތް ގޮތުގައި އުފުލަން ޖެހޭނީ ނިމިގެން ދިޔަ ސަރުކާރުގެ ތެރެއިން. އަދި ހާއްސަ ގޮތެއްގައި އަޅުގަނޑު ދެކޭ ގޮތުގައި އެކަމުގެ ފުރިހަމަ ޒިންމާ ރައީސް ނަޝީދު އުފުއްލަވަން ޖެހޭނެ. އެއީ ވައްކަމުގެ މައްސަލައެއްގެ ހުކުމް އޮތް ބޭފުޅެއް. އެ ހުކުމް އެގޮތަށް އޮއްވައި އަޅުގަނޑު މިއަދު ވެސް ގަބޫލެއް ނުކުރަން ޝަރުތު ހަމަވާ ކަމަކަށް. މިއީ އަޅުގަނޑުމެން ރައްޔިތުން މިއަދު އަނެއްކާވެސް ވިސްނައި ފިކުރު ކުރަން ޖެހޭ ކަމެއް."
ޑރ. ޖަމީލް ވިދާޅުވީ ނަޝީދު ފެންވަރުގެ ބޭފުޅަކު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވެގެން ރާއްޖެ ސުލްހަވެރި އަމާން ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވާ އިރު އެއީ ނަޝީދަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ހަމަ ހިލާ ވެރިކަމުގެ ވާހަކަ ވެސް ނުދައްކަވާށޭ. ވެރިކަމުގެ ވާހަކަ ދައްކަން އައްޑު އަށް ވަޑައިނުގަންނަވާށޭ،" ޖަމީލް ވިދާޅުވި އެވެ. "އައްޑޫގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައި ހުރި ބޭފުޅަކު އަނބުރާ ވަލިއްޔުލްއަމްރުގެ މަގާމަށް އައުމަށް އައްޑޫ ދެކެ ލޯބިވާ، އިހުލާސްތެރިވާ ދިވެހި ގައުމަށް އިހުލާސްތެރިވާ ހަމަ އެއްވެސް ބޭފުޅަކު ތަން ނުދެމާ ހިނގާށޭ. ތަން ނުދޭށޭ."