މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ކުށްވެރި ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފަސްޖެހިވަޑައިގަތުމުން މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސަައީދު ފާޑު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭގައި މިވަގުތު އެންމެ ހޫނުކޮށް ދެކެވެމުން އަންނަނީ އެމްޑީއެންއިން ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓެއްގެ ވާހަކައެވެ. އެ ރިޕޯޓާއި ގުޅިގެން އެތައް ބަޔަކު އަންނަނީ އެމްޑީއެން އުވާލަން ގޮވާލަމުންނެވެ. އަދި ދީނީ އިލްމުވެރިން އަންނަނީ އެކަމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި އިލްމުވެރިން އަންނަނީ އެމްޑީއެންގެ ރިޕޯޓަށް ފާޑު ކިޔަމުންނެވެ.
އެކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް ވެރިއަކު އެއްޗެއް ވިދާޅުވެފައި ނުވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވާ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ވާހަކަ ނަޝީދު ވިދާޅުވާއިރު ސިލްސިލާ ގޮތެއްގައި ދީނަށް ފުރައްސާރަ ކުރާ ބައެއްގެ އަމަލު ނަޝީދު ކުށްވެރި ކުރަން ފަސްޖެހިވަޑައިގަންނަވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
ނަޝީދުގެ ވާހަކައާ ގުޅިގެން އެތައް ބަޔަކު އެމަނިކުފާނަށް އަންނަނީ ސޯޝަލް މީޑިއާގައި ފާޑުވިދާޅުވަމުންނެވެ. އޭގެތެރޭގައި އެމްޑީޕީއަށާއި މި ސަރުކާރަށް ތާއީދު ކުރާ އާއްމު ރައްޔިތުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ނަޝީދުގެ ވާހަކައަށް ތާއީދުކޮށްވެސް ބައެއް ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.