Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

ސާކް ސަރަހައްދުގެ 21 އަހަރު ދަށުގެ ބެޑްމިންޓަން މުބާރާތް އައްޑޫގައި ފަށައިފި

ޔޫތް މިނިސްޓްރީން އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގައި، 21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތަށް މިރޭ ފަށައިފި އެވެ.

ސަރުކާރުން ރާއްޖޭގައި ބައިނަލް އަގުވާމީ މުބާރާތްތައް ބޭއްވުމުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ސާކްގެ ހަތް ޤައުމުގެ މެދުގައި ބާއްވާ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް އައްޑޫގައި މިރޭ ވަނީ ފަށާފައިވާއިރު އެ މުބާރާތް ބޭއްވުމަށް މުޅިން އަލަށް ބިނާކުރި އިންޑޯ ހޯލުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލައިފައެވެ. މަސައްކަތް ނިންމާލައިފައި ވަނީ 32 ދުވަހުގެ ތެރޭގައެވެ. އެއީ ސަރުކާރުން 6.1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްގެން ހަދާފައިވާ ތަނެކެވެ.

މި އިންޑޯ ހޯލުގައި ޖުމްލަ ހަތަރު ކޯޓް ހިމެނޭ އިރު މި ހޯލަކީ އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓެކެވެ. އެގޮތުން މި ހޯލުގެ ފްލޯރިންއާއި، ހޯލުގައި ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކީވެސް ބެޑްމިންޓަން އޭޝިއާއިން ކަންޑަޅާފައިވާ މިންގަނޑަށް ފެތޭ ތަކެއްޗެވެ.

މުބާރާތުގެ ކުޅުން މިރޭ އަށެއް ޖަހާ އިރު ފެށި އިރު އެންމެ ފުރަތަމަ ކުޅެފައިވަނީ ޓީމް އިވެންޓުގެ މެޗުތަކެވެ. މި މުބާރާތާއި އަދި މި އިންޑޯ ހޯލާއި ގުޅޭ ގޮތުން ޔޫތު މިނިސްޓަރު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ފެށުނު މި މުބާރާތުގެ ސަބަބުން މާލެއިން ކުޅިވަރުތައް ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތައް ރަނގަޅު އަސަރެއް ކުރާނެ ކަމަށާއި ކުރިއަށް އޮތްތާ އެހެން ރަށްރަށުގައި ވެސް މިފަދަ މުބާރާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.