Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ކަޝްމީރު މައްސަލާގައި ނަޝީދު ނެންގެވީ އިންޑިޔާގެ ކޮޅު

REUTERS

އިންޑިޔާއާ ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްވުން ލޭއޮހޮރުވުމަކަށް ބަދަލުވެފައިވާއިރު އެމައްސަލައަކީ އިންޑިޔާގެ ދާޚިލީ ކަމެއް ކަމަށް ބުނެ އެކަމާ އެހެން ގައުމުތަކުން ބެހުން ބުއްދިވެރިނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ދަ ހިންދޫ" އަށް އިންޓަވިއު ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ، މިމައްސަލާގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ނިންމުމަށް ރާއްޖެއިން ތާއީދު ކުރެވެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިންޑިޔާއަކީ ޑިމޮކްރަސީއެއް ކަމަށާއި އޯއައިސީގައި ޑިމޮކްރަޓިކް ގައުމުތައް މަދު ކަމަށެވެ.

އޯއައިސީން ވަނީ، ކަޝްމީރު ސްޓޭޓަށް ދީފައިވާ ދީފައިވާ ހާއްސަ އިމްތިޔާޒުތައް އެގައުމުގެ ސަރުކާރުން އުވާލުމަކީ، އެ ސަރަހައްދުގައި ހިންދޫންގެ ނުފޫޒު ގަދަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް އިންޑިޔާއަށް ފާޑުކިޔާފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އދ. ގެ އާންމު ޖަލްސާގައި ވެސް އިންޑިޔާގެ އަމަލުތައް އދ. އިން ހުއްޓުވައި ދިނުމަށް އެދިވަޑައިގެންފައެވެ.

ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް ޚާއްސަ ފިޔަވަޅު އަޅައި އެއް ބަޔަކު ހައްޔަރުކޮށް އަނެއް ބަޔަކު މަރަމުންދާއިރު ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާގެ އެތެރޭގެ ކަމަކަށް ބުނާނެ ބަހެއް ނެތް ކަމަށެވެ.

އިމްރާން ޚާން ވަނީ ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ގޮތަށް އިންޑިޔާއި ގެނެސްފައި އޮތް ކާފިއު ނެގުމަށް ގޮވާލާފައެވެ. އަދި އިންޑިޔާއިން ދޫނުދީފިނަމަ ޕާކިސްތާނުން ވެސް މަޑުން ނޯންނާނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ދެއްވިއެވެ.