ޖިނާއި ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުނު ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް ރާއްޖެއިން ޑީޕޯޓުކޮށްލި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް އިމިގްރޭޝަނުގެ ވެރިން ހާޒިރު ކުރަން ނިންމައިފިއެވެ.
އެގޮތަށް ހާޒިރު ކުރުމަށް ނިންމީ މިއަދު ބޭއްވި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު އިމިގްރޭޝަން ހާޒިރު ކުރުމަށް ހުށަހެޅުމުންނެވެ.
ކޮމެޓީގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ އެ މައްސަލާގައި އިމިގްރޭޝަނާއި ފުލުހުން ހާޒިރުކުރާ ކަމަށްވާ ނަމަ ނުވަތަ ސިޓީއަކުން އެދިގެން ނަމަވެސް އެކަން ހިނގާފައިވާ ގޮތް ބަލައި އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
އުޝާމްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކޮމެޓީގެ ނާއިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައެވެ. އީސަ ވިދާޅުވީ އެ މައްސަލަ ބަލަން އެންމެ މުހިއްމު އެއް ކަމަކީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ. އަދި އެ ދެ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅިފައިވާ މައްސަލައެއް ކަމަށް އީސަ ވިދާޅުވިއެވެ.
މެމްބަރުންގެ ވާހަކައަށް ފަހު ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް ސާފުކުރަން ސިޓީއަކުން އެންގުމަށްފަހު ހާޒިރު ކުރަން ފެންނަ ނަމަ ހާޒިރުކުރާނީ ކަމަށެވެ. ނަމަވެސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ވިދާޅުވީ އިތުރު ވަގުތު ތަކެއް ބޭކާރު ކުރުމުގެ ބަދަލުގައި، ކޮމިޓީއަށް ހާޒިރުވާން އަންގައި އިމްގްރޭޝަނަށް ފޮނުވާ ސިޓީގައި، ކޮމިޓީއަށް އަންނައިރު މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތެއް ހިފައިގެން އައުމަށް އަންގަން ހުށަހަޅާ ކަމަށެވެ.
ރާއްޖެއިން ޑީޕޯޓް ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކޮށް އަދި ހުއްދަނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީ މީހަކާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝް ދެމީހުންނެވެ.