Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

އުސޫލުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ވެލި ނަގަމުންދިޔަ މައްސަލައެއް ބަލަނީ

ގަވާއިދާއި ހިލާފަށް ނަގާފައިވާ ވެލި --- ފޮޓޯ / ފުލުހުން

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ގއ. ވިލިނގިލިން ވެލި ނަގަމުންދާ ދެ މައްސަލައެއް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ގއ. ވިލިނގިލިން ގަވާއިދާއި ހިލާފަށް ވެލި ނަގަމުންދާ ކަމަށްބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރެވެމުންދާ ކަމަށެވެ.

ފުލުހުން ބުނީ ވިލިނގިލީގައި ހުންނަ މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން ޖުމްލަ 61 ބަސްތާގެ ވެލި އިއްޔެ ނަގާފައިވާ މައްސަލައަކާއި އަދި މިއަދުވެސް ހަމަ ވިލިނގިލީ ކުނި ކޮއްޓާ ދިމާ ގޮނޑުދޮށުން 100 ބަސްތާ ވެލި ނެގުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގެދޮރު އިމާރާތް ކުރުމަށް ނުވަތަ ފަރުދީ އެހެން އެއްވެސް ބޭނުމަކަށް ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގާނޫނާއި އަދި ގަލާއި ވެއްޔާއި އަކިރި ނެގުމުގެ ގަވާއިދުގެ އިތުރުން ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭއިން ހުއްދަ ދީފައިވާ ތަންތަނުން ކަމަށެވެ.

އުސޫލުތަކާއި ހިލާފަށް ގަލާއި ވެއްޔާއި އަކިރި ނަގާ ފަރާތްތަކުގެ މައްސަލަ އީޕީއޭއާ ގުޅިގެން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ގަވާއިދާއި ހިލާފަށް ވެލި ނަގާ މައްސަލައެއް ފުލުހުން ބަލަމުންދާއިރު، ރާއްޖޭގެ ރަށްތަކުން ރުއް ކަނޑައިގެން ތަންތަނަށް ގެންދާ މައްސަލައަކީ ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. މިފަދަ އެތައް މައްސަލައެއް އީޕީއޭއަށާއި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.